މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ،އެމްއެންއެސްޑީއޭގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓަރީކޮށްފިއެވެ.
އިންސްޓިޓިއުޓް ރަޖިސްޓްރޭޝަން ސެޓުފިކެޓު ހަވާލުކުރުމަށް އެމްއެންއެސްޑީއޭގައި ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑިޒްގެ ފަރާތުން ސެޓުފިކެޓާއި ހަވާލުވެލެއްވީ ސްޕްރިންޓެންޑެންޓް އިބްރާހީމް ނާޝިދެވެ.
ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ، ޖަލުގައި ދަސްކޮށްދޭ އެކި މަސައްކަތްތެރިކަމުގެ ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ އަދި ނޭޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުން ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދަނީ އެކި ވުޒާރަތަކާއި ގުޅިގެން ޤައިދީންނަށް އެކި ކަހަލަ ހުނަރުތައް ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ.