ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފަށްޓަވާފައިވާ މަސައްކަތްތަކާ ގުޅިގެން ހައްދުފަހަނަ އެޅި ޔަހޫދީން ރުޅިގަދަވެއްޖެއެވެ. ޣައްޒާގެ ނަސްލުހޭދު ފަށާފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ހައްދުފަހަނަ އެޅި ޔަހޫދީން ރުޅިގަދަވެގެން އުޅެނީ، ޙަމާސް ބަލިނުކޮށް، ސުލްޙަވުމަށް ޒަޔަނިސްޓު ދައުލަތުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އެއްބަސްވުމުންނެވެ.
ދެ އަހަރަށް ދެމިގެން ގޮސްފައިވާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ގެންދަވަނީ ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫއަށް ބާރު އަޅުއްވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުންތަކަށް ނަތަންޔާހޫ އެއްބަސްވެފައި ވަނީ މަޖުބޫރުވެގެންނެވެ. ނަމަވެސް، ޓްރަމްޕްގެ ހުށަހެޅުންތަކަށް ރުހުމަކީ ހައްދުފަހަނަ އެޅި ޔަހޫދީން ބޭނުންވާ ގޮތެއް ނޫނެވެ. އަދި، މިކަމާ ގުޅިގެން، ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކަށް ހުރަސް އެޅިގެން ދިޔުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޣައްޒާ ޢުދުވާން ހުއްޓުވުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 މާއްދާގެ މައްޗަށް އެކުލެވިގެންވާ ރޭވުމަށް ނަތަންޔާހޫ ވަނީ ގަބޫލުވެފައެވެ. އަދި، އޭގެ ގިނަ މާއްދާތަކަށް ރުހޭނެ ކަމުގައި ޙަމާސް ޖަމާޢަތުން ވެސް ވަނީ ހާމަކޮށްފައެވެ. މި މޭރުމުން ޙަމާސުން ބުނުމުން، ޓްރަމްޕް ވަނީ ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް ޔަހޫދީންނަށް އަންގަވާފައެވެ. ނަމަވެސް، އެ ގޮވައިލުމަށް ޒަޔަނިސްޓު ނަތަންޔާހޫ އިޖާބަ ދީފައެއް ނުވެއެވެ.
ޙަމާސުން ބުނީ، ޓްރަމްޕް ހުށަހަޅުއްވާފައިވާ ގޮތަށް އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ތައްޔާރު ކަމުގައެވެ. އަދި، ޢުދުވާނަށް ފަހު ޣައްޒާގައި ވެރިކަން ހިންގުމުގައި ބައިވެރިވުމަށް ބޭނުންވާ ކަން ވެސް އެ ޖަމާޢަތުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ޙަމާސް ޖަމާޢަތް ނައްތައިލުމުގެ މަޤޫޞަދު ހާސިލުވުމުގެ ކުރިން ސުލްޙަވުމާ ދެކޮޅަށް ހައްދުފަހަނަ އެޅި ޔަހޫދީން ދަނީ ވަކާލާތު ކުރަމުންނެވެ. އަދި، ސުލްޙަވުމުގެ ޚިޔާލު ދޫކޮށްލުމަށް އަނިިޔާވެރި ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.
އެ ކަމާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އަޑު އުފުލަމުން ދަނީ ޒަޔަނިސްޓު ދައުލަތުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރެވެ. އޭނާއަކީ ހައްދުފަހަނަ އެޅި ޔަހޫދީއެކެވެ. ޙަމާސާ އެކު ސުލްޙަވުމަށް ޒަޔަނިސްޓު ނަތަންޔާހޫ ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމުގައި ބުނެ، އޭނާ ދަނީ ނަތަންޔާހޫއަށް އިންޒާރު ދެމުންނެވެ. އަދި، ސުލްޙައާއިގެން ކުރިއަށްދާ ނަމަ، ސަރުކާރުން އިސްތިޢުފާ ދޭނެ ކަމުގައި ބުނެ، އޭނާ ގެންދަނީ ނަތަންޔާހޫއަށް ބިރު ދައްކަމުންނެވެ.
ބެން-ގްވީރް އިސްތިޢުފާދީ، އޭނާ ތަމްްސީލު ކުރާ ހައްދުފަހަނަ އެޅި ޔަހޫދީންގެ ޕާޓީން ސަރުކާރާ ފެޔަށް ޖެހިއްޖެ ނަމަ، ނަތަންޔާހޫގެ ސަރުކާރު ވެއްޓުމުގެ ބިރު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޒަޔަނިސްޓު ދައުލަތުގައި ދެން އެންމެ އަވަހަށް ޢާންމު އިންތިޚާބެއް ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ 2026ވަނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ. ބެން-ގްވީރް އިސްތިޢުފާދީފި ނަމަ، އޭގެ ކުރިން އަވަސް އިންތިޚާބެއް ބޭއްވުމަށް ނަތަންޔާހޫއަށް މަޖުބޫރުވެގެން ދާނެއެވެ.
ބެން-ގްވީރާއި ހައްދުފަހަނަ އެޅި ޔަހޫދީން ބޭނުންވާ ގޮތަށް ޣައްޒާ ޢުދުވާން ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަކީ ވެސް ނަތަންޔާހޫއަށް އޮތް ފުރުޞަތެއް ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ޢާއިލާތަކުގެ އިތުރުން ޒަޔަނިސްޓު ދައުލަތުގެ ގިނަ އަދަދެއްގެ ރައްޔިތުން ޣައްޒާ ޢުދުވާނާ ދެކޮޅު ހަދަމުން ދިޔުމެވެ. އަދި، ޢުދުވާން ހުއްޓައިލުމަށް ގޮވައިލައި، ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔުމެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން، ޢަރަބި އިސްލާމީ ޤައުމުތަކާ އެކު ޚާރިޖީ ގުޅުން ގާއިމު ކުރުމަށް، ޚާއްޞަ ގޮތެއްގައި ސަޢޫދީ ޢަރަބިއްޔާއާއި އިންޑޮނީޝިޔާ ފަދަ ޤައުމުތަކާ އެކު ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް އޮތީ ހުރަސް އެޅިފައެވެ.