އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ނުވަތަ ރޮބޮޓް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަންތައް ރަސްމީކޮށް އިފްތިތާހުކުރުމަކީ، އެ ހޮސްޕިޓަލުން މެޑިކަލް ޓުއަރިޒަމަށް ކުރާ ދަތުރުގެ ފެށުންކަމަށް، އޭޑީކޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއާމަން، އަޙުމަދު ނާޝިދު ވިދާޅުވެއްޖެއެވެ.
އޭޑީކޭއިން އިއްޔެ ރާއްޖޭގައި ފުރަތަމަ ރޮބޮޓިކް ސަރޖަރީކޮށްފައިވާއިރު، ރޮބޮޓް ބޭނުންކޮށްގެން ކަކުލު ހުޅު ބަދަލުކުރުމުގެ (ޓޯޓަލް ނީ ރިޕްލޭސްމަންޓް) ދެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލާފައިވެއެވެ.
އެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނާޝިދު ވިދަޅުވީ، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަރީ އިފްތިތާޙްކުރުމަކީ އޭޑީކޭގެ އަމާޒު ނިމޭ ހިސާބު ނޫންކަމަށާ، އެއީ މެޑިކަލް ޓުއަރިޒަމަށް ކުރާ ދަތުރުގެ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޢިމާރާތްތަކާއި، މެޝިނަރީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޞިއްޙީ ދާއިރާއަށް އިންވެސްޓް ކުރަމުން ގެންދާނީ، އޭޑީކޭގެ ޒިންމާއެއްގެ ގޮތުގައި ދެކިގެންކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ދިވެހިން ޚާއްޞަ ފަރުވާ ހޯދުމަށް އަބަދު ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ގޮތަށް، އެންމެ ޒަމާނީ ފަރުވާތައް ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވިއެވެ. އަލަށް ފެށި ރޮބޮޓިކް ސަރޖަރީގެ ސަބަބުން މެޑިކަލް ޓުއަރިޒަމްއަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ޙަޤީޤަތުގައި މެޑިކަލް ޓޫރިޒަމްގެ އަމާޒަށް އަޅުގަނޑުމެން އެޅި ކުޑަ ފިޔަވަޅެއް. މިއީ މެޑިކަލް ޓޫރިޒަމްގެ ފުރަތަމަ ފިޔަވަޅު. އަޅުގަނޑު ދެކޭގޮތުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ޚިދުމަތާއެކު މެޑިކަލް ޓޫރިޒަމަށް ވަރަށް ރަނގަޅު ޕެކޭޖްތަކެއް އަޅުގަނޑުމެންނަށް ތައްޔާރުކުރެވިދާނެ." އޭޑީކޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއާމަން، އަޙުމަދު ނާޝިދު ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު އެންމެ ބޮޑަށް އިސްކަންދެނީ ކެންސަރު ބަލީގެ އޮންކޮލޮޖީ ފަރުވާ ކުރިއެރުވުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އެންސްޕާގެ ބަޖެޓުގެ 20 އިންސައްތަ ޚަރަދުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށްކަމަށްވާއިރު، އެ ދާއިރާއިން ރަނގަޅު ފަރުވާ ރާއްޖޭގައި ލިބުން މުހިންމުކަމަށް ނާޝިދު ވިދާޅުވިއެވެ.
"މިހާރު ވާނީ ހެލްތު މިނިސްޓްރީއަށާއި އިކޮނޮމިކް ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހަޅާފައި. އެއީ އެއް އަހަރު ދުވަހުގެ ތެރޭގައި އެފަދަ ޚިދުމަތެއް ފެށުމަށް އިންވެސްޓްކުރުމަށް ތައްޔާރަށް އޮތް ވާހަކަ.އަޅުގަނޑުމެން މިވަނީ އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ، ބަޖެޓުވެސް ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ އެއްބާރުލުމާއެކު އަޅުގަނޑުމެން މި މަސައްކަތް ފަށާނަން. ސަރުކާރުން މިކަމުގައި އެހީތެރިވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." އޭޑީކޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއާމަން، އަޙުމަދު ނާޝިދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ކުރީގެ ސިއްޙީ ވަޒީރު، ޑރ. އަޙުމަދު އަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމުގައި އޭޑީކޭއިން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ތަފާތު އެކި ބަލިތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދުމަށް އިންވެސްޓްކުރުމުގައި އޭޑީކޭއިން ދައްކާފައިވަނީ މުހިންމު ނަމޫނާއެއްކަމަށް އޭނާ ވިދާޅުވިއެވެ. ކަކުލު ހުޅު ބަދަލުކުރުމުގައި ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަންކުރުމަކީ ރާއްޖޭގެ އެތައް ބަޔަކަށް އޭގެ ފައިދާވާނެކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޑރ.އޭ.ބީ ގޮވިންދަރާޖް އަދި ޑރ.އަރުމުގަމް ސުބްރަމާނިއަން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ރޮބޮޓިކް ސަަރޖަރީގެ މުހިންމުކަން ބޮޑުކަމަށް ފާހަގަކުރެއްވިއެވެ. އަދި މިއީ ސިއްޙީ ދާއިރާއިން ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ފާހަގަކުރެއްވިއެވެ.
އޭޑީކޭ ހޮސްޕިޓަލުންވަނީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށާއި، ވަކިން ހާއްސަކޮށް މިހާރު ރާއްޖެއިން ލިބެން ނެތް ހާއްސަ ފަރުވާތައް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހިތްވަރު ފާހަގަކޮށް އެކަމަށްޓަކާ ރައީސަށް ޝުކުރު އަދާކޮށްފައެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ ރޮބޮޓިކް ސާޖަރީއަށް ކުރި އިންވެސްޓްމަންޓުގެ ބޭނުމަކީ، ޒަމާނީ ޓެކްނޮލޮޖީއާއި ތަޖުރިބާކާރުން ރާއްޖެއަށް ތައާރަފުކޮށް، ސިއްހީ ދާއިރާއިން ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ފިޔަވަޅަކުން ފިޔަވަޅަކުން ބަދަލުކުރުންކަމަށެވެ.