އެމެރިކާގެ ހުޅަނގު ކެލިފޯނިޔާ ސްޓޭޓްގެ ރަށެއްގެ ހަލިމަގަކަށް ހެލިކޮޕްޓަރެއް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ކެލިފޯނިޔާގެ ސެކްރެމެންޓޯގައެވެ. އެ ރަށުގެ މައި އެއް ހަލިމަގު ކަމުގައިވާ ހައިވޭ 50އަށް ވެއްޓިފައި ވަނީ އެއަރ އެމްބިޔުލާންސެއްގެ ގޮތުގައި ބޭނުން ކުރާ ހެލިކޮޕްޓަރެކެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަން ސެކްރެމެންޓޯގެ މޭޔަރު ކެވިން މެކާތީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި، ހަސްފަތާލަކަށް ގެންގޮސް، އެ ތިން މީހުންނަށް ފަރުވާ ދޭން ޖެހުނު ކަމުގައި އޭނާ ވިދާޅުވިއެވެ. "މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި [އުޅަނދުގެ] ފަޅުވެރިންގެ ހާލަތު ދެނެގަަތުމަށް މި ދަނީ މަސައްކަތް ކުރަމުން، އެ ސަރަޙައްދުގައި ހުރި ހަސްފަތާލަކަށް އެ އެންމެން ގެންދެވުނު،" އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި މެކާތީ ވިދާޅުވިއެވެ.
ވެއްޓިފައި ވަނީ ރީޗްގެ ނަން ކިޔާ ކުންފުންޏަކުން އޮޕަރޭޓު ކުރާ ހެލިކޮޕްޓަރެކެވެ. އެއީ، ހާލު ބޮޑު ބަލިމީހުންނާއި، ކުއްލި ހާލަތްތަކުގައި ޞިއްޙީ ފަރުވާ ދޭން ޖެހޭ މީހުން ހަސްފަތާލުތަކަށް ގެންގޮސްދިނުމުގައި އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ރީޗަކީ އެމެރިކާގެ ހުޅަނގު ބިތުގެ ސްޓޭޓްތަކުގައި ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.
މި ހާދިސާގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ސީބީއެސް ނޫހުންނެވެ. އެ ނޫހުން ބުނީ، ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން ތަޙުޤީޤު ކުރަން ފަށާފައިވާ ކަމުގައެވެ. ސެކްރެމެންޓޯގެ އަލިފާން ނިއްވާ އިދާރާ އަދި މައި ސަރުކާރުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން މި ހާދިސާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.