ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ހަނގުރާމަވެރި ޖަމާޢަތަކުން ދިން ޙަމަލާއެއްގައި 11 ސިފައިންގެ މީހަކު މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާޢަތަކުން މި ޙަމަލާދީފައިވަނީ އެ ޤައުމާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ހިންގުމާ ޠާލިބާނުން ޙަވާލުވި ފަހުން އެ ސަރަޙައްދުގައި ހިނގާ މި ފަދަ ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށެވެ. 2021ވަނަ އަހަރު އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު ހިނގަން ފެށި ފަހުން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނީ ޠާލިބާނުން ދޭ ޙަމަލާތައް ވަނީ އިތުރުވެފައެވެ.
ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ކުއްރާމް ސަރަޙައްދުގައި އެ ޤާފިލާ ދަތުރުކުރަމުންދަނިކޮށް، ބޮމެއް ގޮއްވައިލުމަށްފަހު، ބަޑިން ޙަމަލާދިނުމުގެ ޒިންމާ ޕާކިސްތާނީ ޠާލިބާނުން ވަނީ އުފުލައިފައެވެ.
އެ ކުރިމަތިލުންތަކުގައި ޠާލިބާނުގެ 19 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އިންޑިޔާއާއި ޠާލިބާނުންގެ އެހީތެރިކަމާއެކު ޕާކިސްތާނީ ޠާލިބާން ޤާއިމްވެ ތިބީ އަފްޣާނިސްތާނުގައެވެ. ނަމަވެސް ދެ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.