ޚަބަރު

އަނިޔާގެ ސަބަބުން ޕާމާއަށް ގިނަ މެޗުތަކެއް ގެއްލޭނެ!


އިންގްލަންޑުގެ ފޯވާޑް ކޯލް ޕާމާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ޗެލްސީން ބުނެފިއެވެ.

ޗެލްސީން ބުނެފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހާއި ހަމައަށް ކޯލް ޕާމާއަށް ކުޅުމާއި ދުރަށް ދާން ޖެހޭނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗުގެ 21 ވަނަ މިނިޓުގައި ޕާމާ ވަނީ ބަދަލުކޮށްފަ އެވެ.

ފީފާ ކްލަބް ވޯލްޑްކަޕް ޗެލްސީ އިން ކާމިޔާބު ކުރުމަށްފަހު އެ ޓީމުގެ ޕްރީ ސީޒަން ޓްރެއިނިންގައި ޕާމާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާއަށް އެއްކޮށް ކުޅެވިފައިވަނީ އެންމެ ހަތަރު މެޗެވެ. އަދި ގިނަ މެޗުތަކުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ޕާމާ އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވުމަށް އޭނާއަށް ވަގުތު ދޭނެ ކަމަށެވެ. އަދި އެ ކްލަބުން އަބަދުވެސް ކުޅުންތެރިން ޕްރޮޓެކްޓްކޮށްގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

ޕާމާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ނޮޓިންހަމް ފޮރެސްޓާއި އަޔަކްސް އެމްސްޓެޑަމް އާއި ސަންޑަލޭންޑްގެ އިތުރުން ވޮލްވްސް އާއި ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ.

އެކުވެރިކަމުގެ މެޗެއްގައި މިއަދު ވޭލްސް އާއި ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗަށް ކޯޗު ތޯމަސް ޓުޗެލް އެކުލަވާލި ސްކޮޑުން ޕާމާ އަށް ފުރުސަތު ދީފައިނުވާއިރު ވޯލްޑްކަޕް ކޮލިފައިންގައި ލެޓްވިއާ އާއި ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗަށްވެސް ޕާމާ ނަގާފައެއް ނުވެއެވެ.