ޚަބަރު

ރާއްޖެއަށް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއަށް އެމެރިކާއިން ބަދަލެއް ގެނެސްފައެއް ނުވޭ!


  • ޓްރެވެލް އެޑްވައިޒަރީތައް ޤަވާއިދުން އަދާހަމަ ކުރޭ

  • އެޑްވައިޒަރީ އެސެސްމެންޓުން އެޑްވައިޒަރީއަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ނުކުރެވޭ

ރާއްޖެއަށް ދަތުރުކުރުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއަށް ބަދަލެއް ގެނެސްފައިނުވާކަމަށް ދިވެހި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މިހެން ބުނީ ޓްރެވެލް އެޑްވައިޒަރީއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަތައް ފަތުރަމުންދާތީއެވެ.

އެމެރިކާ ސަރުކާރުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއާ ގުޅޭގޮތުން ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާ ސަރުކާރުން ކޮންމެ އަހަރަކުވެސް އެ ޤައުމުން ނެރޭ ޓްރެވެލް އެޑްވައިޒަރީތައް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަދާހަމަ ކުރާ ކަމަށެވެ.

އެމެރިކާގެ އެމްބަސީން ވިދާޅުވީ އެޑްވަޒަރީތަކަށް ބަދަލު ގެނައުމަށް އޮންނަ އުސޫލުގެ ތެރެއިން މިފަހަރު ބެލިބެލުމުން ރާއްޖެއަށް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ، އެޑްވައިޒަރީއަށް ބަދަލު ގެނެސްފައި ނުވާކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުން ނެރޭ ޓްރެވެލް އެޑްވަޒަރީ ތަކަކީ އެ ޤައުމުގެ ރައްޔިތުން އެހެން ޤައުމުތަކަށް ދަތުރުކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ބަޔާންކޮށް ނެރޭ އެޑްވަޒަރީ ތަކެކެވެ.