ޚަބަރު

ކުރިއަށްއޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް، ސަމާލުވޭ!


  • ބ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލު ވަނީ ނެރެފައި

  • މިހާރު ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ

ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން ބ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30އިން މެންދުރު13:30އާ ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ޢޭ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވަާރޭވެހުން އެކަށީގެންވާކަމަށެވެ.

ރާއްޖޭގެ އެކި ހިސާބަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މުޅި ރާއްޖޭގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 4-6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.