ޚަބަރު

އެމްބާޕޭގެ ލަނޑާއެކު ފްރާންސް މޮޅުވެއްޖެ


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަޒަރްބައިޖާނާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ފްރާންސްއިން ކާމިޔާބުކޮށްފި އެވެ.

ގްރޫޕް ޑީ ގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ޔުކްރޭން އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފްރާންސް އަތުން ބަލިވި އަޒަރުބައިޖާން އަށް ތިން މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ.

ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުލުން ނިމުމުގެ ކުރިން ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އެމްބާޕޭ މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 53 އަށް އަރާފަ އެވެ. މި ލަނޑާއިއެކު އޭނާ މި ސީޒަނުގައި ފްރާންސް އާއި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދަކީ 17 އެވެ.

މި މެޗުގައި ފްރާންސް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 69 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭގެ އެސިސްޓަކުން އެޑްރިއެން ރަބިއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ތިއޯ ހަނާންޑޭޒްގެ އެސިސްޓަކުން ފްލޯރިއަން ތުއަވިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.