ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފިއެވެ. މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރުކަން އެކުންފުނިން ފާހަގަކުރެއެވެ.
މި ކާމިޔާބީއާ އެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފައެވެ. މިއީ، ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިންވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެއްކަމަށާއި، މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތަކަށް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މީގެ އިތުރުން، މިއީ ސަރުކާރުން ދިވެހިރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިވެސް އެކުންފުނިން ފާހަގަކުރެއެވެ.
We are proud to celebrate a historic national milestone, the successful completion of 100% high-speed fibre broadband coverage across all inhabited islands in the Maldives. 🇲🇻
— Dhiraagu (@Dhiraagu) October 10, 2025
It is an honor to receive a token of appreciation by the government of Maldives, presented by Minister… pic.twitter.com/NL7PeD3umt
ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން ފާހަގަކުރުމަށް އެކުންފުނިން ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންގެ އިތުރުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އަދި ސަރުކާރުގެ އިސް ވެރިންނާއި ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ، ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިރާގުކަމަށެވެ. އަދި، މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި، މި ފަހުރު ދިވެހިރާއްޖެއަށް ހޯދައިދިން ކުންފުންޏަކީވެސް ދިރާގުކަމަށެވެ.
"ދިރާގުން ހާސިލްކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދިރާގަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ދީ ނިންމާލައިފައި މިވަނީ އެކަމަށް ދުރާލާ ޕްލޭން ކޮށް ގިނަ އިންވެސްޓްމެންޓްތަކަކާއެކު ގިނަ މަޝްރޫޢުތަކެއް ހިންގައިގެންކަމަށެވެ.
މީގެ ތެރޭގައި، ބޭރު ގައުމުތަކާއި ރާއްޖެއާއި ދެމެދުވާ ގުޅުން، ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްތަކުގެ އިތުރުން، ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް ހިމެނޭކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި މައި ނެޓްވަރކްގެ ކެޕޭސިޓީ އާއި ފެންވަރު ރަގަޅުކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބަރ ނެޓްވަރކް އެޅުމަށް ފޭސްތަކަކަށް ބަހައިލައިގެން ހިންގުނު ޕްރޮޖެކްޓްތައްވެސް މިކަމުގައި ހިމެނޭކަމަށް ސީއީއޯ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިރާގުގެ މުވައްޒަފުން، ޕާޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަން،" ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.