ޚަބަރު

ގދ އަތޮޅުގެ 3 ވަނަ ރިސޯޓު ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް ހުޅުވައިފި


  • ރަށާއި ކައިރިން ވަޒީފާ އަދި ވިޔަފާރީގެ ފުރުސަތު ފަހިވެގެންދާނެ

  • ރިސޯޓުގައި 7 އޯޝަން ފޭސިން ވިލާ ހުރޭ

ގ.ދ އަތޮޅުގެ 3 ވަނަ ރިސޯޓު، ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް ހުޅުވައިފިއެވެ. މި ރިސޯޓަކީ ގދ. ކޮޑެގަލާގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.

މިރިސޯޓު ހުޅުވުމާއި ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ގދ. އަތޮޅުގެ ރައްޔިތުންނަށް ރަށާއި ކައިރިން ވަޒީފާގެ ފުރުސަތާއި ވިޔަފާރީގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު އަންނަ އަހަރު ފާހަގަކުރާއިރު، މި ރިސޯޓު ހުޅުވުން ވެގެންދާނީ ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ނަފާ އިތުރު ރަށްރަށަށް ފޯރުކޮށްދޭނެ މަސައްކަތަކަށް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ނިލާ ކޮރަލް އައިލޭންޑް ރިސޯޓަކީ މަތީ ފަންތީގެ ފަތުރުވެރިކަމަށް ހުޅުވާފައިވާ ރިސޯޓެކެވެ. ޖުމްލަ 40 މީހުންނަށް އެއް ފަހަރާ ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ރިސޯޓުގައި، މޫދަށްވާ ގޮތަށް ރަށުގައި ތަރައްޤީކޮށްފައިވާ 7 ވިލާ ހުންނާނެއެވެ. މި ވިލާތަށް 3 ގިންތިއަކަށް ބަހާލެވިފައިވެއެވެ. އެއީ 2 ކޮޓަރީގެ ވިލާއާއި، 3 ކޮޓަރީގެ ވިލާ އަދި އެންމެ މަތީ ފަންތީގެ 5 ކޮޓަރީގެ ވިލާއެވެ.


މި ރިސޯޓަށް މިހާރު ބުކިން ހެދުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ރިސޯޓަކީ މާވަރުލު އެއަރޕޯޓާއި 15 މިނެޓު ދުރުގައި އޮންނަ ރިސޯޓެއް ކަމަށް އެ ރިސޯޓުން ފާހަގަކުރެއެވެ.

މިވަގުތު ގދ. އަތޮޅުގައި އިތުރު 2 ރިސޯޓު ހިންގަމުންދެއެވެ. އެއީ އަޔާޑާ މޯލްޑިވްސް އާއި އެންއެޗް ކަލެކްޝަން މޯލްޑިވްސް ހޮވޮއްޑާ ރިސޯޓެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 180 ރިސޯޓެއްގައި 45،171 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. ރާއްޖެއަށް މިހާތަނަށް 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 1.2 މިލިޔަން ފަތުރުވެރިންނަކީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންނެވެ.