އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބާރުގަދަ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމެ)އް ދައްކައިލައިފިއެވެ. އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން އުފައްދާފައިވާ އައު އައިސީބީއެމަކީ، އެ ޤައުމުން މިިހާތަނަށް އުފައްދާފައިވާ އެންމެ ފަހުގެ، އަދި އެންމެ ބާރުގަދަ މިސައިލް ކަމުގައި އެ ޤައުމުގެ ދައުލަތުގެ މީޑިޔާ، ކޭސީއެންއޭން ރިޕޯޓު ކުރިއެވެ. އެ މިސައިލް ދައްކައިލާފައި ވަނީ ވެރިކަން ކުރާ ވަރކަރސް ޕާޓީއަށް 80 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އަސްކަރީ ޕެރޭޑެއްގައެވެ.
އުތުރު ކޮރެޔާއިން އަލަށް ތަޢާރުފު ކޮށްފައިވާ މިސައިލަށް ދީފައިވާ ނަމަކީ ހްވާސޮންގ-20އެވެ. އެއީ، އެހެން ބައްރެއްގައި އޮތް ޤައުމަކަށް ނުވަތަ އަމާޒަކަށް ޙަމަލާ ދިނުމުގެ ރާސްތާ ލިބިފައިވާ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކޭސީއެންއޭން ސިފަ ކުރިއެވެ. އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވަނީ އައު މިސައިލްތަކާއި، އިތުރު ހަތިޔާރުތައް ދައްކައިލުމަށް ބޭއްވި ޕެރޭޑު ބަލައިލާފައެވެ.
ކޭސީއެންއޭން ބުނީ، ހްވާސޮންގ-20ގެ ނަން ދީފައިވާ އައިސީބީއެމަކީ ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެއް ކަމުގައެވެ. އައު އައިސީބީއެމެއްގެ އިތުރުން ޕްޔޮންގްޔަންގައި ބޭއްވި ޕެރޭޑުގައި އެ ޤައުމުގެ އަސްކަރިއްޔާއިން މި ވަގުތު ބޭނުން ކުރާ އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ދައްކައިލާފައިވެއެވެ. އޭގެ ތެރޭގައި ދުރު-ރާސްތާ ކްރޫޒް މިސައިލާއި، އަސްކަރީ ޑްރޯން އަދި އެ ފަދަ ޑްރޯންތައް އުދުއްސައިލުމަށް ބޭނުން ކުރާ އުޅަނދުފަހަރު ހިމެނެއެވެ.
ހްވާސޮންގ-20އަކީ ހަކަތައިގެ ގޮތުގައި ސޮލިޑް ފިޔުލް ބޭނުން ކުރާ މިސައިލެއް ކަމުގައި ކޭސީއެންއޭން ރިޕޯޓު ކުރިއެވެ. އޭގައި ބޭނުން ކުރާ އިންޖީނު އުފައްދާފައި ވަނީ ކާބަން ފައިބަރ ބޭނުން ކޮށްގެންނެވެ. އަދި، އެއީ 1,971 ކިލޯނިއުޓަންގެ ހަކަތަ އުފެއްދުމުގެ ބާރު ލިބިފައިވާ އިންޖީނެއް ކަމުގައި ކޭސީއެންއޭން ބުންޏެވެ.
އުތުރު ކޮރެޔާއިން ހްވާސޮންގ-20ގެ ނަމުގައި ބާރުގަދަ އައިސީބީއެމެއް އުފައްދާފައިވާ ކަން ހުޅަނގުގެ ބާރުތަކުން ވެސް ވަނީ ކަށަވަރު ކޮށްފައެވެ. އަދި، އެއީ އެ ޤައުމުގެ އަސްކަރިއްޔާއަށް މި ވަގުތު ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ އައިސީބީއެމް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، މި އަހަރު ނިމުމުގެ ކުރިން އުތުރު ކޮރެޔާއިން ހްވާސޮންގ-20ގެ އަޖުމަ ބެލުމަށް އިތުރު ޓެސްޓުތައް ހަދާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.