ޚަބަރު

އައު ޓާމިނަލުން މެލޭޝިއާ އެއަރލައިންސަށް ޚިދުމަތްދޭން ފަށައިފި


  • މެލޭޝިއާ އެއަރލައިނަށް ވޯޓަރ ސެލިއުޓެއް އަރުވާފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ޓާރމިނަލް 1އިން މެލޭޝިއާ އެއަރލައިންސްއަށް ޚިދުމަތްދޭން ފަށައިފިއެވެ.

ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާފައިވަނީ މިއަަހަރުގެ ޖުލައި 26 ގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ އައު ޓަރމިނަލަށް ބަދަލުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ވީއައިއޭގެ ޓާމިނަލް އެކަކުން ޚިދުމަތްދޭން ފަށާފައިމިވަނީ މެލޭޝިއާ އެއަރލައިންސްއަށެވެ.

މެލޭޝިއާ އެއަރލައިންސްއަށް ޓާމިނަލް އެކަކުން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މި ފްލައިޓަށް ވަނީ ވޯޓަރ ސެލިއުޓެއް ދީފައެވެ.

މީގެއިތުރުން އެ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެއަރޕޯޓުން ފަސިންޖަރުންނަށް ފިނިފެންމާ ބަހާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސަރވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިދިޔަ މަހު ވަނީ ބެއިޖިންގ ކެޕިޓަލް އެއަލާއިންސް އާއި އިންޑިގޯ އެއަރލައިނަށް ޓާމިނަލް އެކަކުން ޚިދުމަތްދޭން ފަށާފައެވެ.