ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • ޖުމްލަ 104 ބިދޭސީން ބަލައި ފާސްކޮށްފައިވޭ

  • އޮޕަރޭޝަން ހިންގާފައިވަނީ މާލޭގެ ރޯޝަނީ މަގާއި، އެމަގާ ގުޅިފައިވާ ގޯޅިތަކުގައި

ޤަވައިދާއި ޚިލާފަށް ވިޔަފާރިތައް ހިންގާ، އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިްގރޭޝަންއިން ހިންގި އޮޕަރޭޝަނެއްގައި 9 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާކަމަށް ފާހަގަކުރެވިފައިވާ މާލޭގެ ރޯޝަނީ މަގާއި، އެމަގާ ގުޅިފައިވާ ގޯޅިތަކަށް އަމާޒުކޮށްގެން އެއިދާރާގެ ޓާސްކްފޯސްއިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި 104 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެެ އިދާރާއިން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، އެ މަސައްކަތުގެ ތެރެއިން މިހާތަނަަށް 8000އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޚާއްސަ މަސައްކަތުގެ ބޭނުމަކީ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.