އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރުމާއެކު، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރެގެން ބޭސް ބޭނުންކުރުމާއި، ވިއްކުން މަނާކޮށްފައިވާކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް އިން އެ އޮތޯރިޓީއަށް އެލާޓްކޮށްފައިވާކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، އެ ތިން ކުންފުންޏަކީ އެ އޮތޯރިޓީއިން ބޭސް އިމްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަަކެއް ނޫންކަމަށެވެ. އެހެންކަމުން، އެ ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރާއްޖެ އިމްޕޯޓްކޮށްފައިނުވާކަން ޔަޤީންކުރެވިފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
އެހެންނަމަސް އަވައްޓެރި އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ގައުމަކަށްވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވަކިން ޚާޢްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ކެއްސުމާއި، ރޯގާއަށް ބޭނުންކުރާ ކުޑަކުދިންނަށްދޭ ދިޔާބޭސް އެތެރެކުރާއިރު "ޑައިތެލިން ގްލައިކޯލް" އަދި އެތިލައިން ގްލައިކޯލް" ކެމިކަލް ނުހިމެނޭކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުއްވުމަށް އެދިވަޑައިގެންފައެވެ.