މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1.3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރި އަދަދުވެސް މިވަނީ އިތުރުވެފައެވެ.
ދަޢުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1,307,100 ރުފިޔާ ވަނީ ބަލައިގަނެފައެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 615،700 ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދަޢުލަތުން ބަލައިގެންފައިވަނީ 691,400 ރުފިޔާއެވެ.
ރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓްތަކުގެ އިދާރީ ފީގެ ގޮތުގައި ނަގަނީ 5،000 ޑޮލަރެވެ. މި ރޭޓުން ބަލާއިރު، އަހަރުގެ މިހާތަނަށް 15 ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އަހަރުގެ މިހާތަނަށް ފޮރިން އިންވެސްޓްމަންޓް ފީގެ ގޮތުގައި 75,918 ޑޮލަރު ވަނީ ދައުލަތަށް ލިބިފައެވެ.
ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ޒަމާނަށް ނުފެތޭގޮތަށް މިހާތަނަށް އަމަލުކުރަމުންއައި ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު އުވާލައި، އައު ޤާނޫނެއް ވަނީ ތަސްދީގުކޮށްފައެވެ.
ފޮރިންގ އިންވެސްޓްމަންޓް ޤާނޫނަށް އަލަށް ގެނައި ބަދަލުތަކާއެކު ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަކޮށް ނުވަތަ އިންވެސްޓްމެންޓް ފުރުސަތު ބޭރުގެ ފަރާތްތަކަށް ވަނީ ހަނިކޮށްފައެވެ.
އޭގެތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިޔަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައްވެސް ހިމެނެއެވެ.
މީގެއިތުރުން، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރަށްވެހިކަމުގެ ވިސާ ލިބޭގޮތަށް "ރެސިޑެންސް ބައި އިންވެސްޓްމަންޓް" ޕްރޮގްރާމެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިފަދަ އިސްލާހީ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެކަމަށް ބެލެވެއެވެ.