ކުޅިވަރު

ނޫމަރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • މިއާއެކު ނޫމަރާއަށް ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ކުރިއެރުންތަކެއް އަންނާނެ

  • ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގަައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެއް

ށ. ނޫމަރާގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތާއެކު ށ. ނޫމަރާއަށް ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ކުރިއެރުންތަކެއް އަންނާނެއެވެ. މިގޮތުން މިތަންވެގެންދާނީ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ގިނަގުނަ ކުޅިވަރުތައް ކުޅެލާ މުނިފޫހިފިލުވާލުމަށް ހުޅުވިގެންދާނެ ދޮރަކަށެވެ.

ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގަައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ (މޭޖަރ ރިޓަޔަރޑް) މުހަންމަދު ނަޖާހުގެ އިތުރުން ށ. ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީޢުއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ ބައެއް ޗއިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، އަތޮޅުތެރޭގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމް އަދި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ބިންގާ އަޅަމުން އަންނައިރު، މިމަޝްރޫޢުތަކުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.