ޚަބަރު

ބިލެތްފަހިން ރައީސަށް ހޫނު މަރުހަބާއެއް


  • މިއީ މިދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި 4 ވަނަ ރަށް

  • އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޮޅު ބިލެތްފައްސަށް ވަޑައިގެންފިއެވެ. އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި 4ވަނަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބިލެތްފަހީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ބިލެތްފަހީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ބިލެތްފަހި ބިންހިއްކުމާއި، އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ސޮއިކުރުމާއި، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމާއި، ބިލެއްފަހީގައި އަލަށް އިމާރަތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުވައިދެއްވުމާއި، ބިލެއްފަހީގައި އަލަށް އިމާރަތްކުރެވޭ ކައުންސިލް އިދާރާއާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން އިމާރާތުގެ ބިންގާއެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށަށް ވަޑައިގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.