ޚަބަރު

ށ. ފޭދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • ށ. ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ކުޅިވަރާ ބެހޭ ވަޒީރު

  • މިއީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް

ށ. ފޭދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގެންފައިވާއިރު މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް އަދި އެރަށު ކައުންސިލުގެ ރައީސްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ށ އަތޮޅަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުވެސް ތަރައްޤީކުރަނީ އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ އިންޑޯ ގޭމްތަކާއި ބޯޑު ގޭމް ކުޅެވޭގޮތަށެވެ. އަދި ޓްރޭނިންތައް ހިންގުމަށް ކްލާސްރޫމާއި މީޓިން ރޫމްވެސް މި ސެންޓަރުގައި ގާއިމުކުރެވިގެންދާނެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ހުރިހާ ރަށެއްގައި ކުރިޔަށް މިއޮތް ދެއަހަރު ދުވަހުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށް ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަށެވެ. މިއީ ސިއްހީ ދުޅަހެޔޮކަމާއި އިޖްތިމާއީ ދުޅަހެޔޮކަން ރަށްރަށުގެ ރައްޔިތުންގެ މެދުގައި އާލާވެގެންދާނެ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ.