ޚަބަރު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް، އަގުތައް ހިފަހައްޓާނެ


  • މޭވާގެ 10 ބާވަތް، ތަރުކާރީގެ 10 ބާވަތް އިތުރުކުރި

  • ރިނދޫ މުގު، ކުކުޅުބިސް، ކާށި ހިމެނޭ

  • ތަކެތި ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރީޓެއިލްކޮށް

އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމަށް، ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ. މި ބާވަތްތައް މިވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައެވެ.

މި ބާވާތްތައް ސަރުކާރުން އިޢުލާނުކުރީ މިދިޔަމަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ ބާވަތްތައް 1 މަސްދުވަހުގެ ތެރޭގައި ބާޒާރަށް ނެރޭނެކަމަށް ވީ ވަޢުދާއެއްގޮތަށް، މިއަދު މިވަނީ ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި މޭވާގެ ބާވަތްތައް: (މިވަގުތުގެ އަގުތައް)

• ދޮންކެޔޮ – ކިލޯ 30ރ
• އާފަލު – ކިލޯ 40ރ
• އޮރެންޖު – ކިލޯ 35ރ
• ލުނބޯ – ކިލޯ 30ރ
• ޖުމްހޫރީމޭވާ – ކިލޯ 95ރ
• އަނބު – ކިލޯ 150ރ
• ފަޅޯ – ކިލޯ 30ރ
• ކަރާ – ކިލޯ 15ރ
• މިރުސް – ކިލޯ 75ރ
• މޭބިސްކަދުރު – ކިލޯ 125ރ

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަރުކާރީގެ ބާވަތްތައް: (މިވަގުތުގެ އަގުތައް)


• ރަތް ފިޔާ – ކިލޯ 10ރ
• އިނގުރު – ކިލޯ 45ރ
• ކެރެޓު – ކިލޯ 50ރ
• ބަށި – ކިލޯ 28ރ
• ކައްޓަލަ – ކިލޯ 65ރ
• ލޮނުމެދު – ކިލޯ 40ރ
• އަލުވި – ކިލޯ 15ރ
• ކެބެޖު – ކިލޯ 15ރ
• ބަރަބޯ – ކިލޯ 12ރ
• ބޯވެލި – ކިލޯ 75ރ

އިތުރު ބާވަތްތައް: (މިވަގުތުގެ އަގުތައް)

• ރީނދޫ މުގު – ކިލޯ 42ރ
• ކުކުޅު ބިސް – ބިހެއް 2ރ
• ކާށި – ކިލޯ 25ރ

އެސްޓީއޯއިން ވިދާޅުވީ އަގުތައް ކަނޑައަޅާނީ އެވަގުތެއްގެ މާކެޓް ރޭޓްތަކަށް ބަލައިގެން، ހެޔޮއަގުގައި ކަމަށެވެ. އަދި މި ބާވަތްތަކުގެ އަގުތައް މާކެޓްގައި އުފުލުނަ ނުދީ ހިފަހައްޓާނެކަމަށެވެ.

މީގެކުރިން ބައެއް ދުވަސްވަރު، މިފަދަ ބާވަތްތަކުގެ އަގު މަކެޓުގައި ވަރަށް ބޮޑަށް އުފުލި، އެކަމަށް ޙައްލު ގެނައުމަށް ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް އެ ބާވަތްތައް ބާޒާރަށް ނެރެފަވެއެވެ. އެސްޓީއޯއިން ވަނީ ބާޒާރުގެ ހެޔޮ އަގުތަކުގައި ބާވަތްތައް ހިފަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެސްޓީއޯއިން ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުންވެސް މި ބާވަތްތައް ލިބެން ހުރިނަމަ، ގަންނާނެކަމަށެވެ. އެގޮތުން މިހާރު މާކެޓަށް ނެރެފަވާ ބާވަތްތަކުގެ ތެރޭގައި ޕެޝަން ފުރުޓް އަދި ޑްރެގަން ފްރުޓަކީ ހދ. އަތޮޅުގައި ދަނޑު ހައްދާ ރަށަކުން އެސްޓީއޯއަށް ގަންނަ ބާވަތްތަކެވެ.

މިވަގުތު މި ބާވަތްތައް ވިއްކަމުންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ ރީޓެލްކޮށް ނަމަވެސް ކުރިމަގުގައި ހޯލްސޭލްކޮށްވެސް ވިއްކަން ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އަތޮޅުތަކަށްވެސް ފޮނުވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެއެވެ.

އެސްޓީއޯއިން ވިދާޅުވީ މި ބާވަތްތައް ބާޒާރުގައި ހުސްނުވެ ހުންނާނެގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި ބާޒާރުގައި ދަމަޙައްޓާނެކަމުގެ ޔަގީންކަން ދެއްވާކަމަށާއި އެގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނެކަމަށެވެ.