އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާގެ ސިޓީތަކުގެ ތެރެއިން ސަލާމަތީ ގޮތުން ރައްކާތެރި ނޫން ތަންތަނުން، އެ މެޗުތައް އެހެން ސިޓީތަކަށް ބަދަލުކޮށްފާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވާފައިވަނީ އެ ގައުމުގެ ސިޓީއެއް ކަމުގައިވާ ބޮސްޓަންގައި ދާދި ފަހުން ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. ބޮސްޓަންގެ ޖިލެޓް ސްޓޭޑިއަމްގައި ވޯލްޑްކަޕްގެ ހަތް މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ މެޗުތައް ކުޅޭނެ ދަނޑުތަކާއި ސިޓީތައް ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރު އެވެ.
ޓްރަމްޕް މިފަދަ ކޮމެންޓްތަކެއް ކުރައްވާފައިވީ ނަމަވެސް މިމަހުގެ ކުރީކޮޅު ފީފާގެ ނައިބް ރައީސް ވިކްޓަރ މޮންޓެގްލިއާނީ ވިދާޅުވެފައިވަނީ ވޯލްޑްކަޕްގެ މެޗުތައް ކުޅޭނެ ސިޓީ ތަކާއި ދަނޑުތައް ކަނޑައެޅުމަކީ ފީފާގެ ބާރުގެ ދަށުގައިވާ ކަމެއް ކަމަށެވެ.
"ވޯލްޑްކަޕަކީ ފީފާގެ މުބާރާތެއް އަދި އެ މުބާރާތުގެ މެޗުތައް ކުޅޭނެ ދަނޑު ތަކާއި މެޗުތައް ކުޅޭނެ ސިޓީތައް ކަނޑައަޅާނީ ފީފާ އިން. އެއީ ފީފާގެ ބާރުގެ ދަށުގައިވާ ނިންމުންތަކެއް." ވިކްޓަރ ވިދާޅުވި އެވެ.
ބޮސްޓަންގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗަކީ އަންނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ގްރޫޕް ސީ ގެ މެޗެކެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަކީ ތިން ގައުމެއްގައި މި މުބާރާތުގެ މެޗުތައް ކުޅޭ ފުރަތަމަ ފަހަރެވެ.