ޚަބަރު

ނިޔާވި މީހާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ، މީހުން ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތްކުރާނެ


  • ޙާދިސާގައި 7 މީހުން ހިމެނޭ

  • 2 މީހުން އަދިވެސް ނުފެނޭ

ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ޙާދިސާގައި އެކަކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާގައި ނިޔާވެފަވަނީ ގއ. ދާންދޫ އުމުރުން 38 އަހަރުގެ އަޙުމަދު ޝިފާނެވެ.

ރައީސް ވިދާޅުވީ އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައިވަނިކޮށް ފެނުނު ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށާއި، މަރްޙޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދޭކަމަށެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މި ޙާދިސާގައި ދެން ގެއްލިފައިވާ 2 މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެކަމަށެވެ. އަދި އެ އާއިލާތަކަށް ކެތްތެރިކަންދެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އަދި ގެއްލިފަވާ ދެ މީހުން ހެޔޮ ޙާލުގައި ތިއްބާ ފެނުމަށާއި މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ޞިއްޙީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، ޢާއްމު ޙާލަތަކަށް އައުމަށް އެދި ދުޢާކުރެއްވިއެވެ.


މިފަދަ މޫސުން ގޯސް ޙާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތް ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި 7 މީހުން ތިއްބެވެ. 4 މީހަކު ވަނި ސަލާމަތްކޮށްފައެވެ. ހާދިސާ ހިނގީ ރޭ ދަންވަރުއެވެ.