ޚަބަރު

ތަރައްޤީގެ ޕްލޭނަށް ފަންނީ ދާއިރާތަކުން 20 ބައްދަލުވުމެއް، ރަޖިސްޓްރީވާން ހުޅުވާލައިފި


  • މިއީ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެއް

  • ބައްދަލުވުންތައް ފަށާނީ މިމަހުގެ 22ވަނަ ދުވަހު

ޤައުމީ ތަރައްޤީގެ ޕްލޭނަށް ފަންނީ ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މިޕްލޭން އެކުލަވާލުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

މީގެތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާއާއި، އާންމު އިޖުތިމާޢީ ދާއިރާއާއި އެކިކަހަލަ ފަންނުގެ ދާއިރާތައް ހިމެނެއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ނެކްސިއާ މޯލްޑިވްސްއިން ވިދާޅުވީ ޤައުމީ ތަރައްޤީގެ މުހިންމު ދާއިރާތަކުން 62 މައުޟޫޢަކަށް ޖުމްލަ 20 ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފަވާކަމަށެވެ.

މިއި އެ ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާއި ކުރިމަގުގައި ކަންކަން ހައްލުވެ ގެންނަން ބޭނުންވާ ބަދަލުތަކަށް ރިޢާޔަތްކޮށް ޕްލޭން ހެދުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ. އެގޮތުން އިޤްތިޞާދީ، އިޖުތިމާއީ، ތިމާވެށި، ގަވަރނަންސް، އަދި ސްޕެޝަލް ޕްލޭނިން ދާއިރާތަކުގެ ތަޖުރިބާކާރުން ކޮންމެ ދާއިރާއަކަށް ޚާއްސަ ކުރެވިފައިވާ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވެ އެ ދާއިރާތައް އެންމެ އެދެވޭ ގޮތުގައި ކުރިއަރައިގެން ދާން ބޭނުންވާ ގޮތާއި، ހުރި ގޮންޖެހުންތައް އަދި ހައްލުތަކާއި ގުޅޭ ގޮތުން ކުރެވޭ މަޝްވަރާގެ އަލީގައި ހުށަހަޅާ ޚިޔާލުތަކަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ރިއާޔަތްކުރެވޭނެއެވެ.

މިބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނީ "ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން"ގެ ވެބްސައިޓް ndp.nexia.mv މެދުވެރިކޮށެވެ. އެކި ދާއިރާތަކުގެ ބައްދަލުވުންތައް ތާވަލުކޮށްފައިވާ ގޮތާއި ތާރީޚްތައް ވެބްސައިޓް މެދުވެރިކޮށް އަދި ނެކްސިއާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެއެވެ.

އެންމެ ފުރަތަމަ އޮންނާނީ ގެދޮރުވެރިކަމާ ބެހޭ ފަންނީ މަޝްވަރާ ބައްދަލުވުމެވެ. މި ބައްދަލުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެއަށްފަހު ތަރައްޤީގެ ރޭވުންތެރިކަމާ އިޖުތިމާއީ އެކި ދާއިރާތަކާއި މާލީ ދާއިރާ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުގެ ބައްދަލުވުންތައް ހިމެނޭހެން، މި ބައްދަލުވުންތައް އަންނަ މަހުގެ 5ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ބައްދަލުވުންތަކުގެތެރޭގައި ބައިނަލްއަޤްވަމީ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށް ބާއްވާ ބައްދަލުވުންވެސް ހިމެނެއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭނަކީ އެއްވެސް ރައްޔިތަކު ބާނީ ނުވެ، ހުރިހާ ރައްޔިތުންނަށް ޙިއްސާވެވޭގޮތަށް ހަދާ 20 އަހަރުގެ ޤައުމީ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިހާތަނަށް 100އަށްވުރެ ގިނަ ރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކޮށް، މި ޕްލޭނަށް ޚިޔާލު ހޯދާފައެވެ.

މި ޕްލޭނަކީ، 2045 އަހަރަށްދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް އެރުމަށް ހިފާފައިވާ ޢަމާޒަށް ވާސިލުވުމަށް އެއް މިސްރާބަކަށް މަސައްކަތްކުރުމަށް އެކުލަވާލާ އިސްތިރާޖީ ތަޞައްވުރެކެވެ.