ޚަބަރު

އޭޝިއަން ޔޫތު ގޭމްސްގައި ފެތުންތެރިން މަސައްކަތްކުރާނީ ގައުމީ ރިކޯޑުތައް އައުކުރަން


މިމަހުގެ 22 އިން 31 އަށް ބަހްރެއިންގެ މަނާމާގައި އޮންނަ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ބައިވެރިވާ ރާއްޖޭގެ ފެތުންތެރިންނަށް އިރުޝާދުދެމުން އަންނަނީ އެ މުބާރާތުން ވީހާވެސް ގިނަ ކަންކަން ދަސްކުރުމަށް ކަމަށް ފެތުންތެރިން ތަމްރީނުކުރަމުން އަންނަ ކޯޗުން ބުނެފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންނާއެކު ބަރްހެއިންއަށް ދާ ކޯޗު އިސްމާއިލް ފަރުހާނު ބުނީ މި މުބާރާތަށް ތައްޔާރުވަމުން އައީ އަބަދުވެސް ބޮޑެތި މުބާރާތްތަކަށް ތައްޔާރުވާގޮތަށް ފެތުންތެރިންގެ ޕާސަނަލް ބެސްޓް (ފީބީ) އައުކުރުމަށް ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން މިކަހަލަ ބޮޑެތި މުބާރާތްތަކަށް މިދަނީ ހަމަ އަޅުގަނޑުމެންގެ ޕީބީތައް އައު ކުރަން ހަމަ އެދާކުދިންގެ ޕާސަނަލް ބެސްޓް ކޮންމެ މުބާރާތެއްގައި އައު ކުރެވޭތޯ. އެއީ އަޅުގަނޑުމެން ކުރިއެރުން މޮނިޓަރ ކުރަމުންދާގޮތަކީ ޕާސަނަލް ބެސްޓް އައުކުރަމުންދާ ކަމަށްވަންޏާއި އެއީ ރަނގަޅު މަގަށޭ އެތިބީ އަޅުގަނޑުމެން. އެގޮތަށް އަޅުގަނޑުމެން ޕްރިޕެއާ ކުރަމުންދަނީ" ކޯޗު ބުންޏެވެ.

އޭޝިއަން ޔޫތް ގޭމްސްއަށް ބައެއް ފެތުންތެރިން ތަމްރީނުކުރީ މުހައްމަދު ޒާހިދެވެ. ޒާހިދު ކޯޗު ބުނީ ބުނީ އިންޓަރ ސުކޫލް ފެތުމުގެ މުބާރާތަށްފަހު އޭޝިއަން ޔޫތް ގޭމްސްއަށް ކުދިން ފުރަނީ އެންމެ ރަނގަޅު ދަނޑިވަޅުގައި ނޫނަސް އޭނާ ތަމްރީނު ދެމުން އަންނަ ހުރިހާ ކުދިންވެސް ތިބީ މުބާރާތަށް ތައްޔާރުވެފައިކަމަށާއި، ހުރިހާ ކުދިންވެސް ތިބީ ވަރަށް ފިޓްކޮށްކަމަށެވެ.

ޒާހިދު ކޯޗު ބުނީ މީގެ ތެރޭގައި މިއަހަރު ބޭއްވި ޖޫނިއަރ ވޯލްޑް ޗެމްޕިއަންޝިޕްގައި ރިކޯޑު ހެދި ކުދިން އެބަތިބި ކަމަށާއި، އޭޝިއަން ޔޫތް ގޭމްސްގައި މެޑަލަކާއި ހަމައަށް ނުދެވުނަސް މިކުދިން ގައުމީ ރިކޯޑުތަކެއް ހަދާނެ ކަމަށް އުންމީދުކުރާކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ އަޔާނާ އަރީފު ބުނީ މި މުބާރާތުގައި ވާދަކުރެވޭތީ ވަރަށް އުފާވާ ކަމަށާއި، އުންމީދަކީ ބައިވެރިވާ އިވެންޓުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށެވެ. އަޔާނާ ބައިވެރިވާ އިވެންޓްތަކަކީ 100 މީޓަރު ބެކް ސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލް އަދި 400 މީޓަރު ފްރީސްޓައިލް އިވެންޓެވެ.

މި މުބާރާތުގައި ވާދަކުރާ އަމްނާ ތަޒްކިޔާ މިރުސާދު ބުނީ އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވުމަކީ ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެނެއް ކަމަށާއި، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ލިބޭ ބޮޑު ފަހްރެއް ކަމަށެވެ. ތަޒްކިޔާ ބައިވެރިވަނީ 200 މީޓަރު ބެކްސްޓްރޯކް، 50 މީޓަރު ބެކް ސްޓްރޯކް އަދި 50 މީޓަރު ބަޓަރފްލައި އިވެންޓުގައެވެ.

މި މުބާރާތުގައި 100 މީޓަރު، 50 މީޓަރު އަދި 400 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކުރާ ދާލިއާ އައިދާ ލަތީފް ބުނީ މި މުބާރާތުގައި އެންމެ ބޮޑު އަމާޒަކީ ގައުމީ ރިކޯޑްތައް އައުކުރުން ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ މަލައިކާ ލިންޑާ އިމްރާން ބުނީ އުންމީދަކީ ބައިވެރިވާ އިވެންޓުތަކުން ރަނގަޅު ނަތީޖާތަކެއް ރާއްޖެއަށް ހޯދައިދެވޭތޯ ބެލުން ކަމަށެވެ. ލިންޑާ ބައިވެރިވަނީ 200މީޓަރު، 50 މީޓަރު އަދި 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައެވެ.

އޭޝިއަން ޔޫތް ގޭމްސްގައި 200 މީޓަރު، 100 މީޓަރު އަދި 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކުރާ ޒުކެއިން އަބުދުﷲ ހަނީފް ބުނީ އުންމީދަކީ މި މުބާރާތުން ރާއްޖެއަށް ރަނގަޅު ނަމެއް ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ޝައިމް ހުސެއިން އިބްރާހިމް ބުނީ މިކަހަލަ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރުމަކީ ވަރަށް ކުރިންސުރެ ކުރާ އުންމީދެއް ކަމަށާއި، އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ އިވެންޓުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ. ޝައިމް ވާދަކުރަނީ 200 މީޓަރު ފްރީ ސްޓައިލް އިވެންޓާއި 50 މީޓަރު އަދި 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައެވެ.

މި މުބާރާތުގައި ވާދަކުރާ އިޒްޔާން ނާޒިމް ބުނީ އުންމީދަކީ މި މުބާރާތުގައި ވާދަކުރާ ހުރިހާ އިވެންޓަކުންވެސް ގައުމީ ރިކޯޑް އައުކުރުން ކަމަށެވެ. އިޔްޒާން ވާދަކުރަނީ 100 މީޓަރު، 200 މީޓަރު އަދި 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގައެވެ.

އޭޝިއަން ޔޫތް ގޭމްސްގައި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކުރާ މަކީން އަހުމަދު ޝަކީބް ބުނީ އުންމީދަކީ އޭޝިއަން ޔޫތް ގޭމްސްގައި ޕާސަނަލް ބެސްޓް އައުކޮށް ގައުމީ ރިކޯޑްތަކާއި ގާތްކުރެވޭތޯ ކަމަށެވެ.

މި ފެތުންތެރިންގެ އިތުރުން ރާއްޖޭގެ ސާރާ މުހައްމަދު ބައިވެރިވަނީ 100 މީޓަރު، 200 މީޓަރު އަދި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައެވެ. އޭޝިއަން ޔޫތް ގޭމްސްއަށް ރާއްޖޭގެ ފެތުންތެރިން ފުރުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރުގައެވެ.