ބްރޭކަކަށްފަހު ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދަށްވެގެން ހަވަނަ ހޯދަންޖެހޭ ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ނަޒީހު ބުނީ ޔޫވީގެ ސްކޮޑަށް ބަލާއިރު އެއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ލީގުގެ މެޗުތައް އަލުން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޒީހު ބުނީ ޔޫވީން އަސްލު ބޭނުންވަނީ ލީގުގެ އެއްވަނަ ހޯދަން ކަމަށާއި، ނަމަވެސް އެއީ އަދި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ސްކޮޑަށް ބަލާއިރު ދަށްވެގެން ހަވަނަ ހޯދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ނަޒީހު ފާހަގަކުރިއެވެ.
"އަސްލު ނިންމާލަން ބޭނުމީ އެންމެ ކުރީގައި. އެކަމު އެއީ ރިއަލިސްޓިކް އެއްޗެއް ނޫން. ހުދު ދައްކާފައި ކަޅޭ ބުނެފިއްޔާ އެވާނީ ދޮގަކަށް، އެހެންވީމަ ޔޫވީގެ މިހާރު މިއޮތް ސްކޮޑަށް ބަލާއިރު ޔޫވީ ނިންމަން ޖެހޭނެ ހައެއްގެ ތެރޭގައި. އެއީ ޔަގީން ވަރެއް. ދެން ފަހެއް ހަތަރަކަށް އަރައިފިއްޔާ އެއީ ވަރަށް ރަނގަޅު ނަތީޖާއެއް" ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ޔޫވީން ގަދައަޅައި މަސައްކަތްކުރަމުން އަންނަނީ ޓީމެއްގެ ގޮތުގައި ފަރިތަކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރަކީ ކްލަބް މޯލްޑިވްސްގެ މެޗުތައްވެސް ކުރިއަށްދާ ދުވަސްވަރަކަށްވުމުން ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކަށް ހަމަނުވުމުގެ ދަތިކަން އަންނަމުންދާކަން އޭނާ ފާހަގަކުރިއެވެ. މިގޮތުން ޔޫވީން މިހާތަނަށް ކޮށްފައިވާ 52 ދުވަހުގެ ޓްރެއިނިންގެ ތެރެއިން، ޓީމު އެއްކޮށް ކުރެވިފައިވަނީ އެންމެ 28 ދުވަހުގެ ތަމްރީނުތައް ކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް މާބޮޑު ކުރިއެރުމަށް އައިސްފައިނުވާ ކަމުގެ ކަންބޮޑުވުން ނަޒީހު ފާޅުކުރިއެވެ.
"މާބޮޑު އިމްޕްރޫވްމަންޓުތަކެއް ނާންނާނެ، މިހާރު މި ކުޅެނީނު ފުޓްސެލް މުބާރާތެއް، އޭގެ ސަބަބުން ގާތްގަނޑަކަށް ޔުނައިޓެޑް ވިކްޓަރީގެ ހަތް ކުޅުންތެރިންގެ މުޅި 52 ދުވަހުގެ ޓްރެއިނިންގެ ޖުމްލަ ޓްރެއިނިން އެންމެން އެއްކޮށްލީމަ އަރަނީ 28. ދެން ކިހިނެތް އިމްޕްރޫވް ކުރާނީ؟ އެހެންވީމަ މި ހުރިހާ ކަމެއް ނިމުނީމަ ހީވަނީ ރަނގަޅުވާނެހެން" ނަޒީހު ބުންޏެވެ.
ޓީމުގެ ކުޅުން ބައްޓަންކޮށްފައިވާ ގޮތާ ގުޅޭގޮތުން މީގެ ދުވަސްކޮޅެއް ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނަޒީހު ބުނެފައިވަނީ ޓީމަށް އިރުޝާދުދީފައިވާނީ ކުރިއަށް ނުކުމެ ހަމަލާތައް އުފެއްދުމަށް ކަމަށެވެ. އަދި ޔޫވީން ލީގުގައި ހަމަޖެހިލަން ބޭނުންނަމަ ކޮންމެހެންވެސް 12 ޕޮއިންޓު ހޯދަންޖެހޭކަން ނަޒީހު ވަނީ ފާހަގަކޮށްފައެވެ.
ލީގުގައި މާދަމާރޭ 21:00 ގައި ޔޫވީ ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.