ބައިނަލްއަގުވާމީ ތިން މުބާރާތެއްގައި ބައިވެރިވާ ގައުމީ ވޮލީބޯޅަ ޓީމުތައް އިއުލާންކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި އޮތް މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ގައުމީ ސްކޮޑަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީ ލިއުމާ ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މިރަސްމިއްޔާތުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހަންމަދު ލަޠީފްއާއި ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންވެސްވަނީ ބައިވެރިވެވަޑައިގަންފައެވެ.
ރޭ ކުރިއަށްދިޔަ މިރަސްމިއްޔާތުގައި އިއުލާން ކުރެވުނު ޓީމުތަކަކީ ކާވާ 19 އަހަރުންދަށުގެ ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އަންހެންޓީމާ، ކާވާ ކަޕް ފޯރ ވިމެންސްގައި ވާދަކުރާ ގައުމީ ސީނިއާ އަންހެން ޓީމުގެ އިތުރުން ކާވާ މެންސް ނޭޝަންސް ކަޕުގައި ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމެވެ.
އަދި 2026 ވަނަ އަހަރަށް ތާވަލުކޮށްފައިވާ ސާފް ގޭމްސްގައި ވާދަކުރާ 23 އަހަރުންދަށުގެ ގައުމީ ފިރިހެން ޓީމު އިއުލާންކޮށް އެކުޅުންތެރިންނަށްވެސްވަނީ މިރަސްމިއްޔާތުގައި ޖާރޒީ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަކުން ތައްޔާރުވަމުން އަންނަ އިތުރު މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ މިމަހުގެ 22 އިން 28 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ މެންސް ނޭޝަންސް ކަޕާއި އަންނަ ނޮވެމްބަރުމަހުގެ 3 އިން 10 އަށް ސްރީލަންކާގައި ކުރިއަށްދާ ކާވާ 19 އަހަރުންދަށުގެ ވިމެންސް ޗެމްޕިއަންޝިޕުގެ އިތުރުން، މިއަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 18 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ ކަޕް ފޯރ ވިމެންސްގެ ވޮލީ މުބާރާތެވެ. އަދި އަންނަ އަހަރުގެ ފެބްރިއަރީމަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ގޭމްސްގައިވެސް ރާއްޖޭގެ ގައުމީ ވޮލީ ޓީމު ވާދަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.