ޚަބަރު

މީޑިއާ ކޮމިޝަނަށް ކުރިމަތިލި ދެ މީހަކު ނަން އަނބުރާ ގެންގޮސްފި، އިންޓަރވިއު މަރުހަލާ ނިމިއްޖެ


  • 8 މީހުންނާ އިންޓަރވިއު ކޮށްފައިވޭ

  • މާކްސް ދިނުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ނަންތައް ފޮނުވާނެ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން 2 މީހަކު ނަން އަނބުރާ ގެންގޮސްފިއެވެ. މިކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހާމަކުރެއްވީ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނި ގޮތުގައި ނަން އަނބުރާ ގެންގޮސްފައިވަނީ ޝަފީގާ ނައީމާއި ފާރިސް ތޯހާއެވެ. އެ ކޮމިޓީން ވަނީ ބާކީތިބި 8 މެންބަރުންނާ އިންޓަރވިއުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން، ޖުމްލަ 10 މީހަކު ކުރިމަތިލިއެވެ. މީގެ ތެރޭގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނު ވުޖޫދުވުމުގެ ކުރިން އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭފުޅުންވެސް ހިމެނެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަރވިއު މަރުހަލާކުރިއަށްގެންދިޔަ 8 މީހުން:

• ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
• މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
• ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
• އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
• އިބްރާހިމް މުހައްމަދު، ގ. ވިންޑް
• މޫސާ ރިލްވާން، މ. ހާވިލާ
• ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
• މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ

ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެއެވެ. އެ ތިން މެންބަރުން އައްޔަން ކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަރވިއު މަރުހަލާ ނިންމައި، ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން %75 އަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ. މަޖިލީހުން އައްޔަން ކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.