މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކުރިއަށްގެންދިޔަ ހަތަރު ކޯހެއް ނިންމައި، ބައިވެރިންނަށް ހަނދާނީލިޔުން ދީފިއެވެ.
މިއީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އެމްއެންއައިއެސް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގުޅިގެން ހިންގާފައިވާ ކޯސްތަކެކެވެ. މި ޕްރޮގްރާމުގެ ދަށުން ހަތް ކޯޗަކު ވަނީ (ވޯލްޑް އެސޯސިއޭޝަން އޮފް ބާސްކެޓްބޯލް ކޯޗަސް) ޑަބްލިއުއޭބީސީގެ ލެވެލް 1 ގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ. އަދި އޭގެ އިތުރުން ޓޭބަލް އޮފިޝަލްސް ޓްރެއިނިން 14 ބައިވެރިއަކު ފުރިހަމަކޮށްފަވާއިރު، 5 ފަރާތަކުން ވަނީ ރެފުރީ ކޯސް ފުރިހަމަކޮށްފައެވެ. އަދި ސްޓެޓިސްޓިޝަންސް ކޯސް ފުރިހަމަކުރި 10 ބައިވެރިންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީލިޔުން ހަވާލުކޮށްފައެވެ.
އެމްއެންއައިއެސްއިން ކުރިއަށްގެންދިޔަ ކޯޗިން ކޯސް ހިންގާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 28 އިން އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޓޭބަލް އޮފިޝަލްސް ޓްރެއިނިންގ ކޯހާއި، ރެފްރީ ކޯސް އަދި ސްޓެޓިސްޓިޝަންސް ކޯސް ކުރިއަށް ގެންގޮސްފަވަނީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ.
ސަރުކާރުގެ ފަރާތުން ކުޅިވަރުތައް ތަރައްގީކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ކުޅިވަރުގެ ފަންނީ މީހުން ތަމްރީނުކުރުމަށްވެސް ޚާއްސަ ސަމާލުކަމެއް އަންނަނީ ދެއްވަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ރެފުރީންނާއި އަމްޕަޔަރުންގެ އިތުރުން ކުޅިވަރުގައި ބޭނުންވާނެ އެކި ދާއިރާތަކުގެ ފަންނީ މީހުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމުތަކެއް އަންނަނީ ހިންގަމުންނެވެ.