ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ވަަށައިޖެހޭ ކުރިއެރުން ޤައުމަށް ގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވީ 11 އަހަރު ފަހުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުންނެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވަނީ 5 އަތޮޅެއްގައި ކަމަށާއި އިތުރު އަތޮޅުތަކުގައިވެސް ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން އައު ބިލާއެކު އިންވެސްޓަރުންގެ ޝައުޤުވެރިކަން ލިބި، ހުރިހާ އަތޮޅެއްގައިވެސް ފަތުރުވެރިކަން ޤާއިމުކުރުމަށް މަގުފަހިވާނެކަމަށް ފަލާހު ވިދާޅުވިއެވެ.
އައު ބިލުގައި ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިންވެސްޓްކުރެވޭނީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓްތައް ކަމަށް ބަޔާންކޮށްފައިވެއެވެ. ފަލާހު ވިދާޅުވީ މިކަމުގެ ސަބަބުން ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ގެނެވި، ޢުމްރާނީ ގޮތުންނާއި މާލީ ގޮތުން ސީދާ ރައްޔިތުންނަށް ކުރިއެރުން ލިބި، ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ މި ޖެހެނީ މި ކަންކަން ތަޢާރަފްކުރަން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން. ހުރިހާ އަތޮޅެއްގައިވެސް ފުރިހަމަ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންމިދަނީ." ފަލާހު ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު އެންމެ ފުރަތަމަ 2014ގައި ތަޞްދީޤުކުރެވިގެން ދިޔައިރު، އޭރު ރާއްޖެއަށް އިންވެސްޓްމެންޓްތައް ނުގެނެވިވަނީ އިދިކޮޅުން ޤައުމު ހަލަބޮލިކުރުމަށް މަސައްކަތްތަކެއް ކުރުމުން ކަމަށެވެ. އަދި އަނެއްކާވެސް އިންވެސްޓްމެންޓްތައް ގެނައުމަށް ފަހި ދޮރުތަކެއް ސަރުކާރުން ހުޅުވާލަން މަސައްކަތްކުރާއިރު، މިކަމަށް އިދިކޮޅުން އެއްބާރުލުން ދިނުން މުހިންމުކަން ޙަސަން މުފީދު ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވީ މި ބިލުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވޭ އިކޮނޮމިކް ޒޯންތަކާއެކު ކުރިއަރާފައިވާ ކުންފުނިތަކާއި ޓެކްނޮލޮޖީ ރާއްޖެއަށް ގެނައުމުގެ މަގުފަހިވާނެ ކަމަށެވެ. އަދި އުފެދޭ އައު ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ސަބަބުން އައު ޢިލްމާއި ހުނަރު ރާއްޖެއަށް ގެނެވި، ތަޢުލީމުގެ ދާއިރާ ކުރިއަރާނެކަން މެންބަރު ފާހަގަކުރެއްވިއެވެ.
"ތަޢުލީމާއި ތަމްރީން ނަޤުލުކުރުމަކީ ޤާބިލުކަން އިތުރުކޮށް ޤައުމުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިވާނެ ކަމެއް. ތަޢުލީމާއި ތަމްރީނަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ކޮންމެ އިސްލާހަކާ ދޭތެރޭގައި ވިސްނަންވާނީ ފައްސި ވިސްނުމަކުން. އިޤުތިޞާދީ އަދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ." މެންބަރު ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދަށް ލިބޭ ނަފާގެ 90 އިންސައްތައަކީ ފަތުރުވެރިކަން ކަމަށާއި ރާއްޖެއަށް އިންވެސްޓްކުރާނެކަމަށް ޤަބޫލުކުރެވެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. ބިލުގައިވާ ގޮތަށް ސްޕެޝަލް އިކޮމިކް ޒޯން ހަދައިގެން އިންވެސްޓަރުން ގެނައުމަކީ ސަރަހައްދަށް ޢުމްރާނީ ގޮތުންނާއި މާލީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ވަށައިޖެހޭ ކުރިއެރުން ގެނެސްދޭނެ ކަމެއްކަމަށް ޢައްބާސް ވިދާޅުވިއެވެ.
"މީގައި އެބައޮތް އިންވެސްޓަރުން ބައިނަލްއަޤުވާމީ ހޮސްޕިޓަލެއް އަޅަންޖެހޭނެ ކަމަށް. އުންމީދުން ފުރިގެންވާ އުފާވެރި ޚަބަރެއް މިއީ. ރައްޔިތުންގެ އަތްމަތި ތަނަވަސް ވަންޏާ ކިތަންމެހާވެސް ރަނގަޅު." ޢައްބާސް ވިދާޅުވިއެވެ.
ޢައްބާސް ވިދާޅުވީ ސީދާ ރައްޔިތުންނަށް ފައިދާކުރާ މިފަދަ ބިލުތަކަށް އިދިކޮޅުންވެސް ތާޢީދުކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ގެނެވޭ އިންވެސްޓްމެންޓްތައް ބްލޮކުކޮށް، ޤައުމުގައި ހަމަނުޖެހުން އުފެއްދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫން ކަމަށް ޢައްބާސް ވިދާޅުވިއެވެ.
"އެމްޑީޕީން ޝައްކެއްގެ މައްޗަށް ބިނާކޮށް، ޤައުމަށް އަންނަ ބޮޑެތި އިންވެސްޓްމެންޓްތައް ބްލޮކްކުރާނަމަ ދުނިޔޭގެ އިންވެސްޓަރުން ރާއްޖެ ބަލައިގަންނާނީ މުޑުދާރު ބައެއްގެ ގޮތުގައި. ހުރިހާ ސަރުކާރެއްގައިވެސް ޓޫރިޒަމުން ލިބޭ އެތައް ފައިސާއެއް. އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިކަމުން ދަނޑުވެރިކަމުން މަސްވެރިކަމުން ވިޔަސް ރައްޔިތުންގެ އަތްމަތި ތަނަވަސްވާން." ޢައްބާސް ވިދާޅުވިއެވެ
ސްޕެޝަލް އިކޮމިކް ޒޯންގެ ބިލަށް ގިނަ މެންބަރުން ތާޢީދުކުރެއްވިއިރު، ބައެއް މެންބަރުން ބިލާ ދެކޮޅަށްވެސް ވާހަކަދެއްކެވިއެވެ.