ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ދާއިރާއިން މިޞްރާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރަން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިޞްރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު މިޞްރަށް ކުރެއްވި ދަތުރުފުޅު މިހާރު ވަނީ ނިންމަވާލައްވާފައެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިޞްރަށް ދަތުރުފުޅެއް ފެށްޓެވީ މިދިޔަ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އެ ޤައުމުގެ ވަޒީރުންނާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ މިޞްރުގެ ޚާރިޖީ ވަޒީރު ޑރ ބަދްރު އަޙްމަދު މުޙައްމަދު ޢަބްދިލްޢާޠީއާއެކު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމެންޓާއި ފަތުރުވެރިކަމުގެ އިތުރުން ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މިޞްރުގައި ހުންނަ މަތީ ތަޢުލީމުދޭ އެންމެ ދުވަސްވީ އެއް މަރުކަޒުކަމަށްވާ އަލް އަޒްހަރު އަލް ޝަރީފްގެ އިމާމު ޑރ. އަޙްމަދު އަލް ޠައްޔިބާ ވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ތަޢުލީމާއި ސަގާފަތުގެ ދާއިރާއިން ރާއްޖެއާއި މިޞްރާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލިކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިޞްރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލިއިރު، އެ ޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ.
Concluded my official visit to Egypt, a land of rich culture and historic significance.
— Abdulla Khaleel (@abkhaleel) October 20, 2025
Pleased to have engaged in constructive discussions with Foreign Minister Dr. Badr Abdelatty on strengthening our brotherly ties and advancing cooperation in key areas, including trade,…
މި ދަތުރުފުޅުގައި ތެރެއިން ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މި ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީ ވެގެންގޮސްފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ވަޒީރުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ވަޒީރާއެކު ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދާއި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.