ޚަބަރު

ސެންޓަރ ކުންފުނީގެ އޮޑިޓް: ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި


  • ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅައިގެން ދައުލަތުން ބަދަލުހޯދަން މަސައްކަތް ކުރާކަން ވަނީ ފާހަގަކުރެވިފައި

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ޙީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭކަމަށް އޮޑިޓުން ދެއްކުމާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުވާ ފަރާތްތަކާމެދު ތަހުގީގު ހިންގައި، ފިޔަވަޅު އެޅުމަށް ބަންޑާރަނައިބު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްގެ އަގު ހޯދަން ހުށަހަޅާފައިވާ މައްސަލައިގެ ޙާއްސަ އޮޑިޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޑިޓް ރިޕޯޓުގައިވާގޮތުން އެ ކުންފުނިން ވަނީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެންޖެހޭ 400 މިލިޔަނެއްހާ ރުފިޔާ ނުލިބިގެން 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާ ކުންފުންޏެކެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަރވިސް(ޑީއެމްއެސް) އަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ ފައިސާއާ ގުޅޭ މައްސަލައިގެ އޮޑިޓެއް ހިންގާފައިވާއިރު މައްސަލަ ސާބިތުކުރުމަށް ސެންޓަރ ކުންފުނިން ކޯޓަށް ހުށަހެޅި އެންމެ މުހިއްމު ލިޔެކިޔުންތަކަކީ ފޯޖްކޮށްގެން އުފައްދާފައިވާ ސަައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭކަމަށް އެ އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި އޮތްއިރު، އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވާ ކަމަށާއި ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިޔާގެ ބޭންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއް ކަމަށް އެ ބޭންކުން ބުނާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އޭޑީކޭ އެންޓަޕްރައިޒަސްގެ ނަމުގައިވެސް ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަންވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކުންފުންޏަކީ ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް މުދާ ފޯރުކޮށްދިނުމަށްފަހު ފައިސާ ލިބުމުންވެސް، ފައިސާ ނުލިބޭކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށްނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ މި ޚާއްސަ އޮޑިޓާ ގުޅިގެން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް މިހާރު ހުށަހަޅުއްވާފައިވާކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަށްވެސް ލަފާދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.