ޚަބަރު

ލ. މާވަށު ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ފަށައިފި


  • މިއީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް

  • މާވަށު ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ތަރައްގީކުރުމަށް ނިންމާފައިވާ ލ. މާވަށު ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާވަށު ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑިސީޕީ ރިޓަޔަރޑް އަޙުމަދު ސަޢުދީ އާއި މާވަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާވަށަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބިންގަނޑު އެއްވަރު ކުރުމާއި، ކޮންކްރީޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓް މަސައްކަތާއި ޓާފް އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.

2250 މީހުންގެ އާބާދީއެއް ދިރިއުޅޭ މާވަށުގައި ވޮލީކޯޓެއް ތަރައްގީކުރުމަކީ އެރަށުގެ ރައްޔިތުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅީފައިވާ މަޝްރޫއެއް ކަމަށާއި، ރަށުގެ އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މާވަށުގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ކުރިން މާވަށު ޒުވާނުން ފުޓްބޯޅަ ދަނޑެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަރަހައްދެއްގައެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމިގެންދާއިރު އެތަނުގައި ހުންނަންޖެހޭ ވަސީލަތްތައް ފުރިހަމަކޮށް ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް މާވަށުގެ ރައްޔިތުންނަށް ލިބޭނެއެވެ.

ހުރިހާ ރަށެއްގައިވެސް އެ ރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާ ކުޅިވަރުގެ ވަަސީލަތްތައް ޒަމާނީ ފެންވަރަށް އެންމެ ފުރިހަމަކޮށް ތަރައްޤީކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވައެވެ.