ޤައުމީ ދާރުލްއާސާރު މަރާމާތުކުރުމުގެ ތެރެއިން އެ ތަނުގައި ހުރި އެއްވެސް ތަރިކައެއް ނައްތާލާފައިނުވާކަމުގެ ޔަޤީންކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްވައިފިއެވެ.
ވަޒީރު މި ޔަޤީންކަން ދެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ވަނީ ވަޒީރު އާދަމް ނަޞީރު އިބްރާހިމަށް ސުވާލު އަމާޒުކުރައްވާފައެވެ. ދާރުލްއާސާރުގެ އެތެރެ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއިރު، 12 ލޮރީގެ ކުނި އުކާލިކަން ފާހަގަކުރައްވައި މެންބަރު ވަނީ ކުނި އުކާލިއިރު، ތަރިކައެއް އުކައިނުލެވޭކަން ޔަޤީންކުރެއްވިކަމާ މެދު ސުވާލު އުފައްދަވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ކުނިކަމަށް ކަނޑައަޅަން ޖެހޭ ތަކެތި އެއީ ނައްތާލަންޖެހޭ ކުނިކަމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކުނި އުކާލައި، ނައްތާލަންޖެހޭ ތަކެތި ނައްތާލާފައިވަނީ ވެސް މާލިއްޔަތު ޤާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވާއިދާއި އުޞޫލާ އެއްގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އުކާލެވުނު ތަކެތީގެ ތެރޭގައި އެއްވެސް އާސާރީ އެއްޗެއް އަދި ތަރިކައެއް ނުހިމެނޭކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
"ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫން. ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަޤީންކަން ކަށަވަރުކުރެވިފައިވާނެ." ވަޒީރު ވިދާޅުވިއެވެ.
ދާރުލްއާސާރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިއަހަރުގެ ކުރީ ކޮޅުގައެވެ.