ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފުވައްމުލަކުގައި ކުރިއަށްގެންދިޔަ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވިކަމަށެވެ.
އިމާމުންނާއި، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ، ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިންމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެކެވެ.
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ 3 ބުރު ނިމުނުއިރު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 503އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ފުރަތަމަ ބުރުގައި ތަމްރީން ފުރިހަމަ ކުރި 65 ޚަޠީބުންނާއި، ދެވަނަ ބުރުގައި 169 ޚަޠީބުންނާއި 3 ވަނަ ބުރުގައި ސަނަދު ހާސިލްކުރި 269 ޚަތީބުންނެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.