ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޝަހީދު އަލީ ސްކޫލްއަކީ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމަށް ހުޅުވުމަށް ތައްޔާރުވެފައިވާ ސްކޫލްއެކެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލަށް ގްރޭޑް 2 އިން 10 އަށް ދަރިވަރުން ވަނުމަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 31ގެ ނިޔަލަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އައު ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އެސްކޫލްގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
2026 ވަނަ އަހަރުގެ ދިރާސީ އަހަރު، ހުޅުމާލެ ފޭސް 2 ގައި އަލަށް ހުޅުވަން ހަމަޖެހިފައިވާ އާ ސްކޫލު، ޝަހީދު އަލީ ސްކޫލަށް ގްރޭޑް 2 އިން 10 އަށް ވަނުމަށް ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައި. pic.twitter.com/SoKnTNYpSr
— Ministry of Education (@MoEdumv) October 20, 2025
އެ ސްކޫލްގެ ޖާގައަކީ 1500 ކުދިން ނަމަވެސް 2 ދަންފަޅިއަށް ކިޔަވައިދޭއިރު 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ކުދިންނަށް ޖާގަލިބޭނެކަމަށް ތަޢުލީމީ ވުޒާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ. ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ. ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ.