ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސްއިން ތާވަލުގައި ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބު މޮޅިވިޔަނުދީ ހިފަހައްޓައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މެޗުން އޮޑި ސްޕޯޓްސްއަށް ލިބުނު ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ.
ހަލުވި އަވަސް ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ އެޓޭކުގައި ރަނގަޅު މަސައްކަތެއް ކޮށްފައެވެ. މެޗުގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ އޮޑި ސްޕޯޓްސްއިންނެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި އޭރިއާ ތެރެއިން އަބްދުﷲ ލޫތު އިބްރާހީމް އޭރިއާ ތެރެއިން އިބްރާހީމް ވަހީދު ހަސަންއަށް ހުސްކޮށްފައި ދިނުމުން އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި ހަމަލާއަށްފަހު އޮޑި ސްޕޯޓްސްގެ ހަންގޭރީ މިޑްފީލްޑަރު ބާނަބަސް ޓޯތު ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އީގަލްސްގެ ކެޕްޓަން އިބްރާހީމް ރިޒްވާން ޕެނަލްޓީ އޭރިއާގެ އަރިމަތީ ހުރެފައި ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މުޅި މެޗުގައިވެސް އޮޑި ސްޕޯޓްސްއިން ކޮންޓްރޯލް ކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފުގެ ފަހުކޮޅު އީގަލްސް ވަނީ ހަމަލާތައް އިތުރުކޮށް އޮޑި ސްޕޯޓްސްގެ ގޯލަށް ނުރައްކާކޮށްފައެވެ.
މި ހާފުގައި އޮޑި ސްޕޯޓްސްއިން ފޮނުވާލި ގިނަ ހަމާލާތަކުގެ ހުރަހަކަށް ވެގެންދިޔައީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާންއެވެ. އެގޮތުން ދެވަނަ ހާފުގައި އޮޑި ސްޕޯޓްސްގެ ލިތުއޭނިއާ ފޯވާޑް ކަރޮލިސް ލައުކުޒެމިސް އާއި އިބްރާހީމް އިމްރާން ފޮނުވާލި ހަމަލަތާއް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
އިމްރާނަށް ދެވަނަ ހާފުގައި ލަނޑު ޖަހަން ރަނގަޅު ދެތިން ފުރުސަތެއް ލިބުނު ނަމަވެސް، އެ ބޯޅަތައް ވަނީ ގޯލާ އަމާޒުނުކުރެވިފައެވެ. ދެވަނަ ހާފުގެ ފަހުކޮޅު ރިޒްވާން އޭރިއާ ތެރައަށް ވަދެ ފޮނުވާލި ބޯޅަވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި ނަތީޖާއާއެކު އީގަލްސްއަށް އަދިވެސް އޮތީ ފުރަތަމަ މޮޅެއްގެ އިންތިޒާރުގައެވެ. އެ ޓީމުން ލީގުގައި ހަތަރު މެޗު ކުޅުނުއިރު، ދެ މެޗުން އެއްވަރުވެ، އަނެއް ދެ މެޗުން ބަލިވެ ލިބިފައިވަނީ 2 ޕޮއިންޓެވެ.