ލ. ކުނަހަންދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔާރޑް އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުނަހަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތާއި ޓާފްއެޅުމާއި އިކުއިޕްމެންޓް ހަރުކުރުން ހިމެނެއެވެ.
963 މީހުންގެ އާބާދީއެއް އޮންނަ ކުނަހަންދޫގައި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީން ދެކެއެވެ.