ޚަބަރު

އެތުލެޓިކްސް ޓީމުގެ އުއްމީދަކީ މިޑްލޭ ރިލޭގެ ރިކޯޑު އައުކުރުން


  • އުއްމީދަކީ ހުރިހާ އެތުލީޓުންވެސް ޕާސަނަލް ބެސްޓް އައުކުރުން

  • މި ގޮތަށް ކުރިއަށްދާނަމަ ސީނިއަރ ޓީމަށް ރަނގަޅު އެތުލީޓުން ލިބޭނެ

އޭޝިއަން ޔޫތް ގޭމްސް 2025 ގައި ބައިވެރިވާ ރާއްޖޭގެ އެތުލެޓިކްސް ޓީމުން މި މުބާރާތުގެ މިޑްލޭ ރިލޭ އިވެންޓު ފުރިހަމަކުރާނެ ކަމަށާއި، އުއްމީދަކީ މި އުމުރުފުރާގެ ގައުމީ ރިކޯޑު އައުކުރުން ކަމަށް ޓީމާއެކު ބަހްރެއިނަށް ދިޔަ ކޯޗު ހުސެއިން ހަލީމް ބުނެފިއެވެ.

ބަހްރެެއިނަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ހުސެއިން ހަލީމް ބުނީ އުންމީދަކީ ހުރިހާ އެތުލީޓުންވެސް އެ ކުދިންގެ ޕާސަނަލް ބެސްޓް އައު ކުރުން ކަމަށެވެ. އިންޓަރ ސުކޫލު އެތުލެޓިކްސް މުބާރާތާއި ދިމާވުމުން އެންމެ ރަނގަޅަށް ފަރިތަކުރުންތައް ކުރިޔަށް ނުގެންދެވުނުނަމަވެސް ތައްޔާރުވެވުނު މިންވަރާއި ބަލާއިރު އެކުދިންގެ ޕާސަނަލް ބެސްޓް ދެއްކޭނެ ކަމަށް ކޯޗު ބުންޏެވެ.

"މި މުބާރާތުގައި އެބަ ވާދަކުރޭ މިޑްލޭ ރިލޭގައި. މިޑްލޭ ރިލޭގައި މި އުމުރުފުރާގެ ގައުމީ ރިކޯޑް އައުކުރުން އަޅުގަނޑުމެންގެ ޓާގެޓަކީ" ކޯޗު ހަލީމް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށާއި، މިކަން މިގޮތަށް ކުރިޔަށްދާނަމަ ސީނިއާ ގައުމީ ޓީމަށް ރަނގަޅު އެތުލީޓުން ލިބޭނެކަމަށް އުންމީދު ކުރާކަމަށެވެ.