މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރަން ފާސްކުރެއްވި ތިން މެމްބަރުން މަޤާމަށް އަައްޔަނުކުރައްވައިފިއެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރައްވާފައިވަނީ، ހ.ޓޫހާރޓްސް، މުޙައްމަދު ފަރުސަތާއި ދ.މިދޫ، ބިއްލޫރިވިލާ ސަފާ ޝަފީޤާއި، ގ.ގޮފި. އަލްއުސްތާޛާ އާމިނަތު ސަރާޙަތު ޢިއްޒަތެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން ވަނީ 3 މެމްބަރަކު އައްޔަނުކުރައްވާފައެވެ. އެ ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރަކު މިމަހުގެ 13 ވަނަ ދުވަހު ވަނީ އިންތިޚާބުކޮށްފައެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ޢަބްދުލްޢަޒީޒް އިބްރާހީމާއި، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ސިމާޙާ ނަސީމާއި، ޙުސައިން ޘަޤީފެވެ.
އައު ޤާނޫނާއެކު މިހާރު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މަސްއޫލިއްޔަތުތައް ދެން އަދާކުރާނީ މި އައު މީޑިއާ ކޮމިޝަނުންނެވެ. މީގެ އިތުރުން، ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާގައި ދަފުތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުޝީފު އެ ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނީވެސް ކަމާ ބެހޭ ވުޒާރާގެ ބަދަލުގައި އެ ކޮމިޝަނަށެވެ.
ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރި 3 މެމްބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.