ޚަބަރު

ދެމަފިރިންގެ ކުއްލި ވަކިވުން: ހިތަދޫ އާއި މަރަދޫ ރައްޔިތުންނަށް ލިބުނު ކުއްލި ސިހުމެއް!


  • ދެމަފިރިން ނިޔާވެފައި ތިއްބާ ފެނުނީ ބުދަ ދުވަހު މެންދުރުފަހު

  • ބުދަދުވަހު ހެނދުނުން ފެށިގެން ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތްވަނީ ކޮށްފައި

އައްޑޫ ސިޓީ ހިތަދޫން 2 މީހަކު ނިޔާވެފައި އޮތްވާ ފެނުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ކުއްލި ސިހުމަކަށެވެ. ހިތަދޫގައި އަމިއްލަ ގޭގައި އެކަނި އުޅެމުން ދިޔަ ދެމަފިރިޔަކު ކުއްލި ގޮތަކަށް އެކުގައި ނިޔާވެފައި އޮތްވާ ފެނުނު ހިސާބުން ފެށިގެން ކަމާ ބެހޭ އިދާރާތަކުން އެކަން ބަލަން ފެށިއެވެ. މިހާތަނަށް ފުލުހުން ބުނެފައިވަނީ މިކަމުގައި ޝައްކުކުރެވޭ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. މިހާތަނަށް ފުލުހުން ހާމަކުރައްވާފައިވާ މައުލޫމާތާއި ކަން ހިނގި ގޮތްކަމަށް ބުނެވޭ ގޮތަށް ބަލާއިރު މިކަމުގައި އިތުރު ބަޔަކު ޝާމިލްވާ ކަމަށް ނުބެލެވެއެވެ. ނަމަވެސް ކުރިއަށްދާ ތަހުޤީޤެއް ކަމުން އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެވެއެވެ.

މި ހާދިސާގައި ފެންނަން ހުރި ބައެއް ކަންކަމަށް ބަލާއިރު މި 2 މީހުން ނިޔާވެފައި އޮތްވާ ފެނިގެން ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ، 22 ވަނަ ދުވަހު ހަވީރު 16:15 ހިސާބުގައެވެ. ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ނިޔާވެފައި އޮތްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދެމަފިރިންނެވެ. އެއީ ސ. ހިތަދޫ، ކްރޭންގެ އުމުރުން 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި ސ. މަރަދޫ، ނާރެސް ފަރަހްނާޒް ރަޝީދެވެ.

މި ދެމަފިރިން މަރުވެފައި އޮތްވާ ފެނުނީ ބުދަދުވަހު ހެނދުނުން ފެށިގެން 2 މީހުންގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެމީހުން ދިރިއުޅެމުން ދިޔަ ގޭތެރެއިން އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ހިތަދޫން ވާހަކަ ދެއްކި މީހުން މައުލޫމާތު ދިން ގޮތުގައި، ނިޔާވި އަންހެން މީހާ މަސައްކަތްކުރަމުން އަންނަނީ ހިތަދޫގައި ހުންނަ އެދެމެފިރިންގެ ފިހާރައިގައެވެ. މައުލޫމާތު އެނގޭ މީހަކު ޕީއެސްއެމަށް ކިޔައިދިން ގޮތުގައި ފިރިހެން މީހާއަކީވެސް ބޯޓު ދަތުރުކުރާ މީހެކެވެ.

ދެމަފިރިންގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ، ފިހާރަ ނުހުޅުވާތީ ގުޅައިގެންވެސް ފަރަހްނާޒްގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. އޭގެ ފަހުން އެކި މީހުން މެދުވެރިކޮށް އާންމުކޮށް ދާ ތަންތަން ބެލި ނަމަވެސް އެއްވެސް މައުލޫމާތެއް ނުލިބުމުން އެގެއަށް ގޮސް ވަތްއިރު ފެނުނީ ދެމީހުން ވެއްޓިފައި ވަނިކޮށްކަމަށް މިކަމުގެ މަޢުލޫމާތު އެނގޭ މީހަކު ޕީއެސްއެމަށް ކިޔައިދިނެވެ.

މި ހާދިސާ ހިނގި ގެއަކީ ކަރަންޓު ޚިދުމަތް ގުޅާފައި ހުރި ގެއެއް ނޫން ކަމުން އެމީހުން ގެއަށް ކަރަންޓު ދެނީ ކުޑަ ޖަނަރޭޓަރެއް މެދުވެރިކޮށްކަން ވަނީ އެނގިފައެވެ. މިކަމާއި ގުޅޭ ގޮތުން ރަށުގެ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު، ދެ ގޮތަކަށް ވާހަކަ ދެކެވެއެވެ. އެއްގޮތަކީ ކަރަންޓުގައި ޖެހިގެން ހިނގި ހާދިސާއެއް ކަމެވެ. އަނެއް ބައި މީހުން ދެކޭ ގޮތުގައި ހާދިސާ ހިނގާފައިވަނީ ޖަނަރޭޓަރު ޖައްސާފައި ހުރުމުން، ގޭތެރޭގައި ވިހަ ދުމުގެ މިންވަރު އިތުރުވެގެންނެވެ. މިއިން އެއްވެސް ކަމެއް އެއްވެސް ރަސްމީ އިދާރާއަކުން ސާފުކޮށް ނުދެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިހާތަނަށް ހަށިގަނޑު ދޫކޮށްފައި ނުވެއެވެ. އަދި ފުލުހުން މިހާރުވެސް މިމައްސަލަ ބަލަމުން އަންނައިރު މިއީ ހިތަދޫ އާއި މަރަދޫގެ ރައްޔިތުންނަށްވެސް ލިބުނު ކުއްލި ސިހުމެކެވެ. މިހާދިސާގެ ހަގީގަތް އެނގޭނީ ފުލުހުންގެ ތަހުގީގަށްފަހުއެވެ.