އައްޑޫގައި ބާއްވާ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ޤާނޫނުގެ ތެރެއިން ބާއްވާ ވޯޓެއް ކަމަށާއި، ވޯޓުލުމުގެ ނިޒާމަށް ރައްޔިތުން އޮންނަ އިތުބާރު ދަމަހައްޓަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ފޭދޫ، މީދޫ އަދި ހުޅުދޫ، ސިޓީ ކައުންސިލުން ވަކިކުރުމާއި މެދު ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތް ބެލުމަށް ބާއްވާ ވޯޓަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ކޮމިޝަންގެ މެންބަރުން ހިމެނޭ ޓީމެއް އައްޑޫ ސިޓީއަށް މިހާރު ވަނީ ގޮސްފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ހިމެނޭ މިޓީމުންވަނީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއާއި ހިތަދޫއަށް ނިސްބަތްވާ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާއި ގުޅޭގޮތުން ސިޓީ ކައުންސިލަށް މައުލޫމާތު ދީފައެވެ. އެގޮތުން ކޮމިޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ވޯޓުގައި ރައްޔިތުން ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ މިބައްދަލުވުމުގައި ވަނީ ވާހަކަދައްކަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މި ވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްސަ ޤާނޫނެއް ތަޢާރަފްވެ އެ ޤާނޫނުގެ ތެރެއިން އަންނަ ފުރަތަމަ ވޯޓު ކަމަށެވެ. އަދި މި ވޯޓަކީ ޤާނޫނުގެ ހަމަތަކުގެ ތެރެއިން ކުރިއަށްގެންދެވޭ ވޯޓެއް ކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސްވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ވަނީ، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ކޮމިޝަނާއި މެދު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މި ވޯޓުގައި ރައްޔިތުން ކޮންމެ ގޮތެއް ނިންމިނަމަވެސް އެކަމަށް އިހްތިރާމްކުރާނެކަމަށް ވިދާޅުވިއެވެ. މޭޔަރ ވަނީ ވޯޓުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމިޝަނާއި ހިއްސާ ހިއްސާކުރައްވާފައެވެ. އެކަންކަމަށް ކޮމިޝަނުން ވަނީ ޖަވާބުވެސް ދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ފޭދޫ އާއި ހުޅުދޫ އާއި މީދޫ ކައުންސިލާއި ކަމާއި ގުޅުން ހުރި ފަރާތްތަކާވެސް ބައްދަލުކުރަން ނިންމާފައެވެ. އެގޮތުން މިހާތަނަށް ފޭދޫ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި ބައްދަލުވުމުގައިވެސް މި ވޯޓުގައި ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތް އިލެކްޝަން ކޮމިޝަންގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ.
ހޮނިހިރު ދުވަހު ބާއްވާ ވޯޓަށް އައްޑޫގައި ތައްޔާރީތައް ފަށާފައިވާއިރު، މި ވޯޓާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް މިރޭ އައްޑޫ ސިޓީގައި ވޯޓުލުން އޮންނަ ފޭދޫ، މީދޫ އަދި ހުޅުދޫގައި ކުރިއަށްދާނެއެވެ. އަދި ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރަން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.