ޚަބަރު

މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރަން ޑިޒައިންކުރުމުގެ މަރުހަލާ ފަށަނީ


  • މި މަޝްރޫޢު ކުރިއަށްދާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން

މާލެއާއި ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ. ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މަސައްކަތް ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ވަނީ މިމަޝްރޫޢަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖެހިގެން ގޮސްފައެވެ.

މިމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުން މިހާރު ވަނީ މިމަސައްކަތުގެ ޑިޒައިނިން މަރުހަލާ ފެށުމާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މިމަޝްރޫޢު ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ ޕްރޮޖެކްޓްގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ ޗައިނާގެ އެޖެންސީތައް މެދުވެރިކޮށްކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެނެވެ.

މާލޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރުއެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. އެއަށްފަހު ވެރިކަމާއި ހަވާލުވި އެމްޑީޕީގެ ސަރުކާރުގައި ބޮޑުތަކުރުފާނުމަގުގައި ތާރު ނާޅައި އޮތް ބައިގައި ތާރު އަޅަން ޕްލްނޭކުރިނަމަވެސް، އެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ.