މެޗްގެ އެންމެ ފަހު ވަގުތު ހުސެއިން ޝިމާޒް ކާމިޔާބުކޮށްދިން ގޯލުން ޓީސީ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދާ އުރީދޫ ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ ފަސްވަނައަށް ޔުނައިޓެޑް ވިކްޓްރީން ޖެހިލައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސްއާ ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗް ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ލަނޑު ހުސެއިން ޝިމާޒް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރަށް ދެއްކި ތިން މިނެޓްގައެވެ. އޭގެ ކުރިން ޔުނައިޓެޑް ވިކްޓްރީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މެޗްގެ 82 ވަނަ މިނެޓްގައި ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުޑޫސް ކެލާނީ ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑް ވިކްޓްރީއަށް ލިބުނު ޕެނަލްޓީ ރަފީނިއާ ފޮނުވާލުމުން ޓީސީގެ ކީޕަރު އިމްރާން ވަނީ މަތަކޮށްފައެވެ. މި ފައުލާ ގުޅިގެން ކުޑޫސް ކެލާނީއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީ ތާވަލްގެ ފަސްވަނައަށް ޖެހިލާފައިވަނީ 18 ޕޮއިންޓާއެކުއެވެ. ޓީސީ ސްޕޯޓްސް ކްލަބް ތާވަލްގެ ތިންވަނާގައި އޮތީ 24 ޕޮއިންޓާއެކުއެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް ކްލަބާ ކްލަބް އީގަލްސްއެވެ. މި މެޗްވެސް ޔެސް ޓީވީއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.