ޚަބަރު

އައްޑޫ 3 ރަށެއްގައި ޚިޔާލުހޯދުމަށް ނަގާ ތާރީޚީ ވޯޓު, "ކޮންމެ މީހަކުވެސް ބަސްބުނުން މުހިންމު"


  • ވޯޓުގެ ކަންކަން އަމާންކަމާއި މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައި

  • ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ޙައްގު އަދާކޮށް، ދެކޭގޮތް ހާމަކުރުން މުހިންމު

ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނުނެއް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާގުޅޭކަންކަން ވަކި ޤާނޫނެއްގެ ދަށުން ތަފްސީލުވެގެން އައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. 2007ވަނަ އަހަރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވީނަމަވެސް، އައްޑޫ ސިޓީގެ ތިން ރަށެއްގައި އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ މިފަދަ ވޯޓުތަކަށް ޚާއްސަކޮށްގެން ފާސްކުރި ޤާނޫނެއްގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ފުރަތަމަ ވޯޓަށެވެ.

ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެ ރައްޔިތަކު ދެކޭގޮތް ބަލައި، ރައްޔިތުންގެ އަޢުލަބިއްޔަތު އޮތްގޮތަކަށް ކަންކަން ނިންމުމަކީ ޑިމޮކްރަސީގެ ރިވެތި އާދައެކެވެ. އައްޑޫސިޓީގައި މި ހަފުތާ ބަންދުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓަކީވެސް އެ އަތޮޅުގެ 3 ރަށެއްގެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އެދުމުގެ މަތިން މުޅި ޖުމްލަ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ވޯޓެކެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ރައްޔިތުންނަށް ހުށަހަޅާފައިވާ ސުވާލާ ގުޅިގެން ފެންނަ ނުފެންނަ ވޯޓުގެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މި ވޯޓުގައި 3 ރަށުގެ 9000އަށްވުރެ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

ފޭދޫ، ހުޅުދޫ އަދި މީދޫގައި ހޮނިހިރު ދުވަހު ވޯޓުލުމަށް ހަމަޖެހިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ހުށަހަޅުއްވާފައިވާ ވޯޓާ ގުޅޭ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައްވެސް ކުރިއަށްގެންގޮސްފައެވެ. އަދި އަވަށު އޮފީސްތަކާއި ސިޓީ ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ވޯޓަށް ވަމުން ގެންދަވާ ތައްޔާރީތަކާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ވޯޓުގެ ކަންކަން އަމާންކަމާއި މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެނިމިފައިވާ ކަމަށެވެ. އަދި މި ވޯޓަކީ ރައްޔިތުންނަށް ފެންނަ ގޮތެއް ހާމަކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއް ކަމަށްވާތީ ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ޙައްގު އަދާކޮށް، ހުށަހެޅިފައިވާ ސުވާލާމެދު ދެކޭގޮތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތެއްގައި ވަކި ޤާނޫނެއްގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ވޯޓެއް. އެހެންވީމަ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކޮންމެ މީހަކުވެސް މިކަމުގައި ބަސްބުނުން ވަރަށް މުހިންމު" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އައްޑޫގެ 3 ރަށެއްގައި ނަގާ ވޯޓުގައި ރައްޔިތުންނަށް ގިނަ ވަގުތު މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ވޯޓުދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތުން، އެންމެ ގިނަވެގެންވެސް މީހަކަށް ވޯތު ދިނުމަށް ނަގާނީ 10 މިނެޓް ކަމަށް ވިދާޅުވިއެވެ.

މި ވޯޓަކީ މީހަކު އިންތިޚާބު ކުުރުމަށް ބާއްވާ ވޯޓަކަށް ނުވާތީ ކެމްޕޭން މާނަކުރުންވެސް ތަފާތުކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ވޯޓުގައި އަހާފައިވާ ސުވާލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ބަދަލުކުރުމަށް ނުވަތަ ރައްޔިތުންގެ ޝައުގުވެރިކަން ހޯދަން ދައްކާ ކޮންމެ ވާހަކައަކީ ކެމްޕޭނެއް ކަމަށާއި ހުކުރު ދުވަހުގެ ހަވީރު 6:00ގެ ފަހުން އެފަދަ އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެއްކަމަށް ޒާހިދު ވިދާޅުވިއެވެ.

"މި ވޯޓުގައި އަޅުގަނޑުމެން ކެމްޕޭން މި މާނަ ކުރަނީ ވޯޓުލުމަށްޓަކައި، ކޮން ގޮތަކަށްތޯ ވޯޓުލާނީ. އާންއެކޭ ބުނާ މީހުންނާއި ނޫނެކޭ ބުނާ މީހުންނާ ތިބޭނީ. އެހެންވީމަ އެ ދެގޮތަށް މީހުންނަށް ވިސްނައިދިނުމަށްޓަކައި މި ދައްކާވާހަކަ ކެމްޕޭނަކަށް މިވަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީށް ވިދާޅުވިއެވެ.

އައްޑޫ ފޭދޫ އާއި ހުޅުދޫ އާއި މީދޫގައި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. ވޯޓުގެ ނަތީޖާ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާނެއެވެ.