ޚަބަރު

އިންޑިއަން ނެޝަނަލް ޑިފެންސް ކޮލެޖްގެ ވަފްދެއް ރާއްޖޭގައި


އިސްތިރާޖީ ދަތުރެއްގައި މިހާރު ރާއްޖެ އައިސްއުޅޭ އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ލީޑަރޝިޕާ ބައްދަލުކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ކުރިއަށްދިޔަ، މި ބައްދަލުވުމުގައި، އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދަށް އެމްއެންޑީއެފްގެ ޚިދުމަތް ފެށިގެން އައިގޮތާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވާކަމަށެވެ. މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި، ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އާއި، އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހިމް އަދި، އެމްއެންޑީއެފްގެ ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަޙީދު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ ބައެއް އޭރިއާތަކުގެ ކޮމާންޑަރުންނާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

img:http://s3.psmnews.mv/images/660x400/14718836784617.jpg|ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެމްއެންޑީއެފްގެ އެންމެ އިސްވެރިން / ފޮޓޯ: އެމްއެންޑީއެފް

މި ބައްދަލުވުމުގައި، އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދުގެ ފަރާތުން އެ ކޮލެޖުގެ ބައެއް އިސް ބޭފުޅުންނާއި، އެ ކޮލެޖުގައި ތަމްރީނު ފުރިހަމަކުރަމުންދާ އެކި ޤައުމުތަކުގެ ސިފައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ސްޓްރެޓެޖިކް ޓުއަރ އެއްގައި އިއްޔެ ރާއްޖެ އައި މި ވަފުދުގެ ދަތުރު ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.