ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި، މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ.
ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ދުވާރު މަތީގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަަބަބަުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެޗްޑީސީން ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކަުގެ ސަބަބުން، ވާރޭވެހި ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވެ ދިމާވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވޭނެކަމަށެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެއަކީ ސާފު ރީތި، ދިރިއުޅެން ފަސޭހަތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށެވެ. އަދި މިއީ އެޗްޑީސީން އެކަނި ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، މި މަސައްކަތުގައި ހުޅުމާލޭ ދިރިއުޅޭ ރައްޔިތުންގެ އެއްބާރުލުން މުހިންމުކަމަށް ޒުހައިރު ވިދާޅުވިއެވެ.
"މިކަން އެޗްޑީސީން އެކަންޏެއް ނޫން ކުރެވޭނީ. މިއީ ހުޅުމާލޭގަ ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު މުޅި މުޖްތަމަޢު އެކައްޗެއް ކިޔައިގެން މިކަން ކުރިއަށްގެންދިޔައިމަ ކަންތައްތައ ފަސޭހަވާނެ. ވިޔަފާރިކުރާ ފަރާތްތަކާއި އަދި އޭގެއިތުރަށް މިތާ ދިރިއުޅޭ ފަރާތްތަކުންވެސް މިކަމަށް މަސައްކަތްކުރަންޖެހޭ" ޢަލީ ޒުހައިރު ވިދާޅުވިއެވެ.
12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، އެޗްޑީސީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހުޅުމާލެ ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެޗްޑީސީން ވިދާޅުވީ، މި ޕްރޮގްރާމްގައި އެކުންފުނީގެ 50 އެއްހާ މުވައްޒަފުން ބައިވެރިވާނެކަމަށެވެ. އަދި އަމާޒަކީ އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 ގައި މި ޕްރޮގްރާމް ކުރިއަށްގެންގޮސް ނިންމާލުންކަަމަށެވެ.
ހުޅުމާލޭގެ މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި، ނެގުމަށް އެޗްޑީސީން ވަނީ މީގެކުރިންވެސް އަންގާފައެވެ. އަދި އެތަކެތި ވެރިފަރާތްތަކުން ނުނަގައިފިނަމަ އެޗްޑީސީން އެތަކެތި ނަގާނެކަމަށާއި އެކަމުގައި މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެކަމަށްވެސް އެޗްޑީސީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.