ކުޅިވަރު

އަތޮޅު މުބާރާތަށް 266000 ޑޮލަރު، އަންހެން މުބާރާތަށް ވެސް ފީފާއިން އެހީވަނީ


އެފްއޭއެމުން ފަށަން އުޅޭ އަތޮޅު ފުޓްބޯޅަ މުބާރާތަށް ދުނިޔޭގެ ފުޓްބޯލަ ޖަމިއްޔާއިން ފީފާއިން 266000 ޑޮލަރު ދޭން ނިންމައި އަންހެން ފުޓްބޯޅަ މުބާރާތަށް ވެސް އެހީތެރިވާން ނިންމައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ފިފާގެ ވެބްސައިޓުގައެވެ.

އަތޮޅު ތެރޭގެ 49 ޖަމިއްޔާއަކުން ވާދަ ކުރާ މުބާރާތް ފަށަން މިހާރު އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ. މި މުބާރާތުގެ އަތޮޅު ބުރަށް ފަހު ޒޯން ބުރު ކުޅެ އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމެއް ކޮލިފައިވާނެއެވެ.

ދުވަސްތަކަކަށް ފަހު އަންހެން ފުޓްބޯޅަ މުބާރާތް ފަށަން އެފްއޭއެމުން މިހާރު ވަނީ ނިންމާފައެވެ. މި މުބާރާތަށް ވެސް ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

އިންފަންޓީނޯގެ ދަތުރުގައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް ވަނީ މަޝަވަރާ ކުރައްވާފައެވެ.