މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދާ، ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ މެންސް އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް އާމިން އުމަރު މޫސާ ހޯދައިފިއެވެ.
ފައިނަލް ހީޓުގައި އާމިން ވާދަކުރީ އަސްވާން މުޙައްމަދާއެވެ. އާމިން ޗެމްޕިއަންކަން ހޯދީ 13.34 ޕޮއިންޓުންނެވެ. އަސްވާނަށް ލިބުނީ 9.83 ޕޮއިންޓެވެ.
މިދިޔަ އަހަރުގެ ޤައުމީ ބޮޑީ ބޯޑިން ލީގުގެ މެންސް އޯޕަން ޗެމްޕިއަންކަންވެސް ހޯދާފައިވާ އާމިން މިއަހަރުގެ ލީގުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ހީޓު އެކެއްގައި އިޔަން އަހުމަދާއި ވާދަކޮށް 12.60 ޕޮއިންޓުން ހީޓު ކާމިޔާބުކޮށްގެންނެވެ. އިޔަންއަށް ސެމީ ފައިނަލްގައި ހޯދުނީ 12.17 ޕޮއިންޓެވެ.
އަސްވާން ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި ވާދަކޮށް 11.50 ޕޮއިން ހޯދައިގެންނެވެ. އެ ހީޓުގައި ޚުޝްރުވާނަށް ލިބުނީ 10.60 ޕޮއިންޓެވެ.
މެންސް އޯޕަން ޑިވިޝަނުގެ ކުއާޓާރ ފައިނަލުގެ ހީޓު އެކެއްގައި ވާދަކުރީ އާމިންއާއި މުހައްމަދު އަޒާން އަހުމަދެވެ. ހީޓު ދޭއްގައި ވާދަކުރީ އިޔަން އަހުމަދާއި ނޫޙު މުހައްމަދު ދުނެއިމް އިރުޝާދެވެ. ހީޓް 3 ގައި ވާދަކުރީ ހުޝްރުވާނާއި، މުޙައްމަދު ނިފާޒެވެ. ކުއާޓާ ފައިނަލްގެ ހީޓު ހަތަރެއްގައި ވާދަކުރީ އަސްވާނާއި، އިނާޝް ނައީމެވެ.
ލީގުގެ ރޭންކިންއަށް ބަލާއިރު މިހާރު އެއްވަނައިގައި އޮތީ އާމިންއެވެ. ދެވަނައިގައި އޮތީ އަސްވާންއެވެ. ތިން ވަނައިގައި އޮތީ އިޔަން އާއި ހުޝްރުވާންއެވެ.
އާމިން ވަނީ މިދިޔަ އަހަރުވެސް މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދާފައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި ޚުޝްރުވާން ބަލިކޮށްގެންނެވެ.
މި މުބާރާތުގައި މިއަހަރު 4 ޑިވިޝަނެއްގައި އެތުލީޓުން ވާދަކުރެއެވެ. އެގޮތުން މެންސް އޯޕަން ޑިވިޝަނުގައި 21 އެތުލީޓުން ވާދަކުރިއެވެ. ޖޫނިއާ މެންސް ޑިވިޝަންގައި 8 އެތުލީޓުން އަދި ޑްރޮޕްނީ ޑިވިޝަންސްގައި 9 އެތުލީޓުން ވާދަކުރެއެވެ. އަދި މުޅިން އަލަށް މިއަހަރުގެ ލީގަށް ތައާރަފުކުރި ޖޫނިއާ ވިމެންސް ޑިވިޝަނުގައި 10 އެތުލީޓުން ވާދަކުރިއެވެ.