ޚަބަރު

ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް މި މެޗުން މޮޅުވެފައިވާއިރު މިއީ ލީގުގައި އެ ޓީމު ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ. އަދި މި ނަތީޖާ އާއިއެކު އެ ޓީމަށް ވަނީ 9 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާޥަލުގެ ހަތަރުވަނަ މަގާމު ލިބިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި މަތިއަސް ކޫނިއާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފައެވެ.

އަދި މެޗުގެ 34 ވަނަ މިނިޓުގައި ލޫކް ޝޯގެ ޕާހަކުން ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރަޔަން އެމްބެއުމޯއެވެ.

ބްރައިޓަން އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި އުމުރުން 34 އަހަރުގެ ޑެނީ ވެލްބެކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ބްރައިޓަންގެ ކޮސްޓޯލަސް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން އެމްބެއުމޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.