އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.
މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑަލެވެ.
މި މުބާރާތުގައި ރާއްޖެއިން ލޯ މެޑަލް ހޯދީ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކޮށް 47.79 ސިކުންތުން ރޭސް ނިންމައި، 3 ވަނަ ހޯދައިގެންނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ޓީމުގައި ހިމެނެނީ ކުޅުދުއްފުށި ސިޓީގެ އަހުނާ ނިޒާރާއި، އައްޑޫ ސިޓީގެ ހައްވާ މުޒްނާ ފާއިޒާއި، މާލެ ސިޓީގެ ދެ އެތުލީޓުން ކަމަށްވާ ޒިވާ މޫސާ ޝަފީއާއި އައިޝަތު ޝަބާ ސަލީމެވެ.
އޮކްޓޫބަރު 16 އިން 24އަށް އިންޑިއާގެ ރަންޗީގައި ކުރިޔަށް ދިޔަ މި މުބާރާތުން އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ބަނގްލަދޭޝް އާއި ނޭޕާލް ފަހަށް ޖައްސާލައި، ތިން ވަނަ ހޯދުމަކީ ރާއްޖޭގެ އެތުލީޓުން ހޯދި ތާރީޚީ ކާމިޔާބީއެއް ކަމަށް ފާހަގަކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ރާއްޖެ ތަމްސީލުކުރި އަންހެން އެތުލީޓުންނަށް މަރުޙަބާ ކިޔާފައެވެ.
މި އިންވެޓުން ރަން މެޑަލް ހޯދީ 44.70 ސިކުންތުން ރޭސް ނިންމައިގެން ސްރީލަންކާއިންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ 44.93 ސިކުންތުން ރޭސް ނިންމައިގެން އިންޑިއާއިންނެވެ. މި އިވެންޓުގައި ވާދަކުރި ބަނގްލަދޭޝްއަށް ލިބިފައިވަނީ ހަތަރުވަނައެވެ. އެންމެ ފުލުގައި އޮތީ ނޭޕާލެވެ.